ޒުވާނުންގެ ފިކުރު ސިޔާސީ މައިދާނަށް އަންނަން ޖެހޭ: ފާރިޝް

ނޮވެމްބަރ 23، 2019: މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި -- ސަން ފަޔާޒު މޫސާ

ތޫނު ފިލި ޒުވާނުންނަށް ސިޔާސީ ދާއިރާއިން ފުރުސަތު ދޭން ޖެހޭކަމަށް އެމްއާރުއެމްގެ ވަގުތީ އެގްޒެކިއުޓިވް ކައުންސިލް މެމްބަރު އަހުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ ބޭއްވީ ރެ އެވެ. ބިލަބޮންގް ސުކޫލުގައި ބޭއްވި އެ ޖަލްސާގައި ފާރިޝް ވިދާޅުވީ އަދުގެ ދިވެހިންނަކީ ހިޔާލުފާޅުކުރުމާއި މަޝްވަރާކުރުމުގައި ވަރަށް ބޮޑަށް ޝާމިލްވާ ބައެއް ކަަމަށެވެ.

"އޮއްޓަރުހުރި އަދި ގައުމަށް ފައިދާހުރި ހިޔާލުތައް ފާޅުކުރޭ. ނަމަވެސް އެމީހުންގެ ހިޔާލުތައް ފާޅުކުރެވިފައިވަނީ ހަމައެކަނި ކޮފީ މޭޒުތަކަށް ނުވަތަ ސޯޝަލް މީޑިއާއަށް. މިއީ ހާއްސަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް. މިދެންނެވި ހިޔާލުތަކާއި މަސައްކަތްތަކަކީ މެއިންސްޓްރީމް ޕޮލިޓިކްސްއަށް ގެންނަން މަޖުބޫރުވެފައިވާ އެއްޗެއް. އެމްއާރުއެމްގެ އެއް އަމާޒަކީ އެއީ. ސިޔާސީ ސަފުން ނުފެނި އެކަހެރިވެފައިތިބި އިލްމީ ޒުވާނުންނަށް ހިތްވަރުދީ މިދާއިރާއިން ހަރަކާތްތެރިކުރުވުން،" ފާރިޝް ވިދާޅުވި އެވެ.

ފާރިޝް އެފަދައިން ވިދާޅުވިއރު ރާއްޖޭގެ ސިޔާސީ ހަރުފަތް އެހެން ހަރުފަތަކަށް ގެންދިއުމަށް އެމްއާރުއެމްއިން ދެ ކަމެއް ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެއްކަމަކަށް އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތައަށްވުރެ މަދު ނޫން އަދަދަކަށް އުމުރުން 30 އަހަރުން ދަށުގެ މީހުން ހިމެނުމަށް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފާރިޝް އިތުރަށް ވިދާޅުވީ މިއަދު ދުނިޔޭގެ އަދި ގައުމީ ފެންވަރުގައި ކުރިމަތިވަމުންދާ ގިނަ މައްސަލަތައް ހައްލުކުރުމުގައި އިލްމީ އަދި އޮއްޓަރުހުރި ވިސްނުންހުރި ހޯދުންތަކެއް ހޯދަން ޖެހޭ ކަމަަށެވެ. އަދި ވަކި ނުފޫޒެއްގައި ނުޖެހި މަޝްވަރާކޮށް ދިވެހިންނަށާއި ގައުމުގެ ފައިދާއަށްޓަކައި މަޝްވަރާކޮށް ހައްލުތަކެއް ހޯދައިދޭންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ފާއިތުވި 10 އަހަރުގެ ތެރޭގައި ގިނަ ދާއިރާތަކުން މިގައުމު ވަނީ ކުރިއަށް ފިޔަވަޅުތަކެއް އަޅާފައި ނަމަވެސް ހައްލު ހޯދަންޖެހިފައިވާ މައްސަލަތައް މަދެއް ނޫން." ފާރިޝް ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުންދާ މަދަނީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނިޒާމް ފުނޑުފުނޑުކޮށްލުމުގެ އަމަލުތައް ރާއްޖެއަށް ބީރައްޓެހި ކުުރުވަން ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ދުވަހުން ދުވަހަށް ދަނީ އާ މައްސަލަތައް ދަނީ އުފަންވަމުން. ދުނިޔެއަށް ވަނީ ކްލައިމެޓް އިމެޖެންސީއެއް ކުރިމަތިވެފ. މުޖުތަމައު ތެރޭގައި ހުންނަ ފަރަގުތައް ދަނީ އިތުރުވަމުން.ހަރުކަށި ފިކުރުގެ ނުރައްކާ ދަނީ އިތުރުވަމުން.މިކަންކަމަކީ ސިޔާސީ މައިދާނުގައި ހުރަހެއް ނެތި މަޝްވަރކުރެވޭ ކަންކަމަަށް ހަދަން އެބަޖެހޭ." ފާރިޝް ވިދާޅުވި އެވެ.

comment ކޮމެންޓް