ކުޑަކުދިންނަށް އަނިޔާކުރުމަށް ހިތްވަރެއް ނުދެން: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން(ވ): ކުޑަކުދިންނަށް އަނިޔާކުރުމަށް ހިތްވަރެއް ނުދޭނެ ކަމަށް އެ ޕާޓީން ބުނޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަކީ، ކުޑަ ކުދިންނަށް އަނިޔާކުރުމަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައި މިވަނީ، ކުޑަކުދިންނާ ކައިވެނިކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ އެ ޕާޓީއަށް ޝޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެވާހަކަތައް ދޮގުކޮށް، އަދާލަތު ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެފަދަ ހަގީގަތެއް ނެތް "އިލްޒާމް" އެ ޕާޓީއަށް އަމާޒު ކުރަނީ ސިޔާސީ ވާދަވެރިކަމުގައި ކަމަށެވެ.

"އަދާލަތު ޕާޓީއަކީ ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް އަނިޔާއެއް ދިނުމަށް ކުޑަކޮށްވެސް ތާއީދު ކުރާނެ ޕާޓީއެއް ނޫން،" ޓްވީޓްގައި ބުނެފައިވެއެވެ.

އެ ޕާޓީން އެވާހަކަތައް ދޮގު ކުރި އިރު، މި މައުޟޫ ހޫނުވެފައި މިވަނީ، މަޑުއްވަރީގައި 13 އަހަރުގެ ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި 26 އަހަރުގެ ފިރިހެނަކު ކައިވެނިކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ ކުއްޖާ ބަޑުބޮޑުވެ، މިހާރު ވިހާފައިވާ ކަމަށް މައުލޫމަތު ލިބެއެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީއާއި ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

https://sun.mv/127705

އުމުރުން 18 އަހަރުންގެ ދަށުގެ ކުދިންނާ ކައިވެނިކުރުމުގެ ފުރުސަތެއް ގާނޫނުން މިހާރަކު ނޯވެއެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތްނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކުރެވެއެވެ.

ނަމަވެސް މިހާރު ތަސްދީގުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފައެވެ.

comment ކޮމެންޓް