ސިޔާސީ ޕާޓީތައް އެކުވެރިވާން މައުމޫނު ގޮވާލައްވައިފި

އެމްއާރުއެމުން ބޭއްވި ޖަލްސާގައި ރައީސް މައުމޫނު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ބައިބައިިވުމުގެ ރޫހު މައިތިރިކޮށް އެކުގައި މަސައްކަތް ކުރަން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ ބޭއްވީ މިރެ އެވެ. ބިލަބޮންގް ސުކޫލުގައި ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެމްއާރުއެމް ވެގެންދާނީ އެންމެން އެކުވެރި ކުރުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ޑިމިކްރާތީ ނިޒާމްގެ އެއް ތަނބު. އެކަމަކަށް ހުރަހެއް އެޅިގެން ނުވާނެ. އެހެން ނަމަވެސް ހިޔާލު ފާޅުކުރުމުގެ މާނައިގައި ނުވަތަ ނަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ހޫނު ހަމަލާތައް ބަދަލުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ނުރައްކާތެރިކަމެއް. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްއާރުއެމުން ބިލަބޮންގް ސުކޫލުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަދި ރައީސް ސޯލިހު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އޮތް ނަމަވެސް ހިޔާލު ތަފާތުވާ ކަންތައްތަކުގައިވެސް އެންމެން ބައިވެރިވަން ވަކި ސަރަހައްދެއް ނުވަތަ "ކޮމަން ގްރައުންޑެއް" ހޯދިދާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި އެފަދަ "ކޮނަމް ގްރައުންޑެއް" އޮތުމަކީ މުޅި ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމެއްކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

"އެކަކު އަނެކަކަށް ކަމޭހިތައި އެކަކު އަނެކެއްގެ ހައްގުތައް ރައްކާތެރިކޮށްދޭ އެކަކު އަނެކަކަށް ޖާގަ ދޭ މުޖުތަމައުއަކަށް އެބަ ވާންޖެހޭ. މާތް ﷲ މިގައުމަށް ދެއްވާއިފައިވާ ނިއުމަތްތައް ކިތަންމެހާވެސް ގިނަ." ރައީސް މައުމޫން ވިދާޅުވިއެވެ.

އެގޮތުން އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއް އަގީދާއެއް ހިއްސާކުރާ ބަޔަކަށް ވުމަކީ ކިތަންމެހާވެސް ބޮޑު ނިއުމަތެއް ކަމަށާއި އަދި ކުރިމަގުގެ ސަލާމަތަށްޓަކައި އެ ނިއުމަތް ރައްކާތެރިކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއާރުއެމުން ބިލަބޮންގް ސުކޫލުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަދި އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް -- ސަންފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަރުފަތް އެހެން ހަރުފަތަކަށް ގެންދިއުމަށް އެމްއާރުއެމްއިން ދެކަމެއްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއްކަމަކަށް އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތައަށްވުރެ މަދު ނޫން އަދަދަކަށް އުމުރުން 30 އަހަރުން ދަށުގެ މީހުން ހިމެނުމަށް ނިންމާފަިއވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ ހުރިހާ ހަރަކާތެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެން ފިރިހެން އެއް އަދަދަކަށް ބެހެއްޓުމަށް ނިންމާފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.

މިރޭގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެެލެއްވިއެވެ. އަދި އެކަމަށްޓަކައި ރައީސް ސޯލިހްއަށް މައުމޫން ވަނީ ޝުކުރުވެސް އަދާކުރައްވައިފައެވެ.

comment ކޮމެންޓް