"ނޮވެމްބަރ"ގެ ކާސްޓާ ވަޖީހުގެ ދަރިފުޅުވެސް ގުޅިއްޖެ

ނޮވެމްބަރ ގެ ކާސްޓުން---

ޑާކްރެއިންގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރ" ގެ ކާސްޓާ ފިލްމު އިންޑަސްޓްރީގެ ލެޖެންޑަރީ ތަރި އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ގުޅިއްޖެއެވެ.

މިހާރު ސިންގަޕޫރުގައި އެ ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ޑާކްރެއިނުން އިއްޔެ ބުނީ ފިލްމުގައި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ދަރިފުޅުވެސް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ތަރީޝް އާއެކު އެގައުމުގެ އަންހެން ކުއްޖެއް ކަމަށްވާ ޝެރޮން ވެސް ފިލްމުގައި ހަރަކާތްތެރިވުމަށްވަނީ ހަމަޖެހިފައެވެ.

ފިލްމުގެ މަންޒަރުތައް ސިންގަޕޫރުގައި ނެގުމަށް ފިލްމުގެ ކާސްޓުން އެ ގައުމަށް ފުރީ ބުދަދުވަހުއެވެ. ސިންގަޕޫރުގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް 20 ދުވަސްތެރޭ އެއްކޮށް ނަގައި ނިންމާލެވޭނެކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިންތައް މާލޭގައި ނަގާފައިވާއިރު ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަކީ ބޮޑު ޕްރޮޖެކްޓެއް ކަމުން ފިލްމުގެ ޝޫޓިންނަށް ގިނަ ވަގުތު ބޭނުންވާނެ ކަމަށް މޮގާ ވަނީ ބުނެފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

comment ކޮމެންޓް