"ބެއްޔާ" ޓީޝާޓު ގަނެގެން ރުކެއް އިންދުމަށް އެހީ

"ބެއްޔާ" ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފެށުން -- ފޮޓޯ: ބެއްޔާ ޕްރޮޖެކްޓް

ޓީޝާޓެއް ގަނެގެން ރުކެއް އިންދަން އެހީވެވޭ، "ބެއްޔާ" ޕްރޮޖެކްޓް މިއަދު އިފްތިތާހު ކޮށްފި އެވެ.

އަމިއްލަ ފަރާތަކުން "ބެއްޔާ" ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފައްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދެވެ.

ހުޅުލޭގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ލައުންޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ފައްޓަވައިދެއްވި ހަރަކާތަކީ ޓީޝާޓެއް ގަތުމުން ރުކެއް އިންދަން ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

"ޓީޝާތު ގުޅިފައި އޮންނަނީ ރުކަކާ. މިވަގުތު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތްގޮތުގައި ޅޮހީ ނާސަރީގައި 600 ރުއް އެބަހުރި. މިއިން ކޮންމެ ޓީޝާޓެއް ގުޅިފައި އޮންނާނީ އޭގެ ރުކަކާ. އެ ރުއް ކޮންމެވެސް ރަށެއްގައި ޖެހޭނެ. ދެން މިއާ އެކީގައި އެއީ ބަންޑާރަ ކުރެއްތޯ، ޓީޝާޓު ގަތް މީހެއްގެ ރުކެއްތޯ، އަމިއްލަ ރުކެއްތޯ ކަނޑައަޅާނީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރުއްތަކުގެ މަތިވަރު ވަރަށް ގޯސްވަމުންދާ ކަމަށާއި، ރާއްޖޭގައި އާ ރުއް އިންދަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި [ބެއްޔާ] ޓީޝާޓެއް ބައްލަވައިގަތީމާ، އެ ގަނެވެނީ ރުކެއް. އެ ރުކުގެ މިލްކުވެރިކަން ޓީޝާޓު ގަންނަ މީހަކަށް އޮންނާނެ. އެހެން ނަމަވެސް ދެން ވިސްނަންވީ އެ ރުއް ކާނީ ކާކުތޯ،" އާންމުކޮށް ރާއްޖޭގައި ކަންކުރާ އުސޫލަކީ ރުކުގެ ވެރިޔާ ބޭނުން މީހަކާ ރުއް އަރަން ހަވާލުކުރުންކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ބެއްޔާ ޓީޝާޓުު މޯލްޑިވިއަންގެ މޫނިމާ ލައުންޖުން ގަންނަން ލިބޭނެ އެވެ.

comment ކޮމެންޓް