ދަތުރުވެރިންގެ މާރުކޭޓު މައްސަލާގައި މޭޔަރުގެ އިސްތިއުފާ އަށް ގޮވާލައިފި

ރޭގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮށްފައި ހުންނަތާ އަށް މަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތައް އާއިލާއެއް މަގުމަތިވެފައިވާކަމަށް ބުނެ މާލޭ ސިޓީ މޭޔަރު ސިފާ މުހައްމަދު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

ހިބަރު ވަދުގެ ނަމުގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެތައް ރަށަކުން ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދަތުރުވެރިންގެ މާރުކޭޓުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެމީހުން އެތަނުން ނެރެ މަގުމަތިކޮށްލާފައިވާ ކަމަށެވެ.

"176 ފަރާތް އެތަނުން ބޭރުކޮށްފައި، މަގުމަތިކޮށްފައި މިހާރު އަށް މަސް ވަނީ. ކިތައް އާއިލާތޯ މަގުމަތި މި ކުރެވުނީ؟ ކިތައް ކުދިންގެ ކިޔެވުންތޯ މި ހަލާކުކޮށްލެވުނީ؟މާލޭ ސިޓީގެ މޭޔަރު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

"މީގެ ތިން ހަރަތު ދުވަސްކުރިން މާލޭ ސިޓީގެ މޭޔަރު ލާމަރުކަޒީ ކޮމެޓީއަށް ގެނެވުނު. އަޅުގަނޑު އެކަންޏެއް ނޫން އެތަނުގައި އިނީ. އެހެން ބޭފުޅުންވެސް އެގޮތަށް ވާހަކަ ދައްކަމުން ދިޔަ. އަޅުގަނޑު ބޭނުމެއް ނޫން ދަތުރުވެރިންގެ މާރުކޭޓެއް ނުހެދޭ ސަރުކާރަކަށްވެ، މި ސަރުކާރު ނިމޭކަށް. އެހެންނަމަވެސް މިއީ ހަގީގަތަކީ،" ނައިފަރު ދާއިރާގެ މެންބަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭ ސިޓީ ކައުންސިލުން ހިދުމަތް ނުދޭ ކަމަށެވެ.

"އެހެންވީމާ ދަތުރުވެރިންގެ މާރުކޭޓަށްޓަކާ އެކަނި އެބަޖެހޭ ސިފާ އިސްތިއުފާ ދެއްވަން.،" މާލޭ ސިޓީ ކައުންސިލަށް ހިދުމަތް ނުދެވޭކަން އެމްޑީޕީގެ މެންބަރުންވެސް ގަބޫލުކުރާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވި އެވެ. "މިހާރު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރައްވާނެ ކީއްވެގެންކަން ހައުސިން މިނިސްޓްރީގެ ދަށަށް މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ގެނައީ. ރައްޔިތުންނަށް ހިދުމަތެއް ނުދެވޭ،"

ރައީސް ޔާމީނުގެ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލްގެ ބައެއް ބާރުތައް ހައުސިން މިނިސްޓްރީ އަށް ނެގިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ބާރުތައް އަނެއްކާވެސް ސިޓީ ކައުންސިލަށް ދީފައެވެ.

ޝިޔާމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުހޮވުނީތީ މިއަދު އުފާކުރައްވާ ކަމަށާއި އެ ކައުންސިލަކީ ރައްޔިތުންނަށް ހިދުމަތް ދެވޭ ކައުންސިލެއް ނޫން ކަމަށެވެ.

comment ކޮމެންޓް