ވޯކްޝޮޕެއްގެ ޖަންކްޝަނެއްގައި ގޭސް އުފެދި ގެއްލުންތަކެއް ވެއްޖެ

މާލެ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހެންވޭރު ގެއެއްގައި ހިންގާ ވޯކްޝޮޕެއްގެ ތެރޭ ހުރި ޖަންކްޝަނެއްގައި ގޭސް އުފެދި ޖަންކްޝަން މަތިގަނޑު މައްޗަށް ބުރައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ޖަންކްޝަނުގައި ގޭސްއުފެދި، އޭގެ މަތިގަނޑު ކުއްލިއަކަށް އެރުމާ ގުޅިގެން އެ ވޯކްޝޮޕްގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށާއި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖަންކްޝަނުގައި ގޭސް އުފެދި މަތިގަނޑު މައްޗަށް އެރި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް