ޑރ. އަފްރާޝީމްގެ މަރު

ޑރ. އަފްރާޝީމް އަލީ --

ޝަހީދު ޑރ. އަފްރާޝީމް ޢަލީ އަކީ ދިވެހިރާއްޖޭގައި ފަހަކަށް އައިސް އުފެދުނު މަދު ދީނީ ޢިލްމުވެރީންގެ ތެރެއިން އެއް ބެއިފުޅެކެވެ. ފާއިތު ވެދިޔަ އެތައް ޒަމާނަކަށް ބެލިޔަސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ދީނީ ޢިލްމުވެރިޔާއެވެ.

ދީނީ ޢިލްމުވެރީންގެ ލަޤަބު އަޅުގަނޑުމެން ދޭ ކޮންމެ މީހަކީ އަދި ދީނީ ޢިލްމުވެރިއެއް ނޫނެވެ. ޔުނިވަރުސިޓީއަކުން ފުރަތަމަ ޑިގްރީއެއް ނުވަތަ ދެވަނަ ޑިގްރީއެއް ނެގިޔަކަސް، އަދި ޕިއެޗްޑީއެއް ހެދިޔަކަސް، އެ މީހަކު ޢިލްމުވެރިޔަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ޑރ. އަފްރާޝީމަކީ ޙަޤީޤީ މާނައިގައި ދީނީ ޢިލްމުވެރިއެކެވެ. އެކަން އެނގެނީ އެމަނިކުފާނުގެ ނަންފުޅުގެ ކުރިޔަށް އޮންނަ ޑޮކްޓަރުގެ ލަޤަބަކުން ނޫނެވެ. ދީނީ ޢިލްމުގެ ދާއިރާތަކުގައި ދެއްކެވި ވާހަކަފުޅުތަކުންނެވެ. ފިޤުހާއި އުޞޫލުލް ފިޤްހުގެ އަސާސްތަކުގެ މައްޗަށް، ކަންކަން ވިދާޅުވެދެއްވި ގޮތުންނެވެ. އިސްލާމް ދީނަކީ އިންސާނީ ބުއްދިޔާއި އިންސާނީ ޒަމީރު، އޭގެ ޠަބީޢީ ހަމަތަކުގެ ތެރެއިން، ފޮޅުވައިލަދޭ ދީނެއްކަން ބަޔާން ކުރެއްވިލެއް ފުރިހަމަކަމުންނެވެ. އޭގެ އިތުރަށް، އެއްވެސް މަސްނޫއިއްޔަތެއް ނެތް ގޮތެއްގައި، އެމަނިކުފާނުގެ ކިބައިން ފެނުނު ރިވެތި އަޚްލާޤުންނެވެ. މަތިވެރި ސުލޫކުންނެވެ. ކުރު ޙަޔާތްޕުޅަކަށް ފަހު، މި ޤައުމުގެ ހިތުންނާއި ލޮލުން ލެއިކަރުނަ އޮހޮރުވައިލައްވައިފައި، އެމަނިކުފާނު އަޅުގަނޑުމެންނާ ވަކި ވެވަޑައިގަތީ ހަމަ އެކަކަށް ވެސް ދެރަ ބަސްފުޅެއް އެމަނިކުފާނުގެ ދޫފުޅުން ވިދާޅުވި އަޑު އަޅުގަނޑުމެންނަށް އިވިފައި ނުވަނިކޮށެވެ. އެމަނިކުފާނާ ދިމާކޮށް، ހުތުރު ވެގެންވީ އެއްޗެތި ގޮވި އެއްވެސް މީހަކަށް، އެފަދަ ހުތުރު ބަހަކުން ރައްދު ނުދެއްވައެވެ. ހަށިކޮޅަށް އަރައިގަނެ، ހާނީއްކަ ކުރާން ދިމާ ކުރި މީހުންނާ މެދުގައި ވެސް ބަދަލު ހިއްޕެވުމުގެ އެއްވެސް އަމަލުފުޅެއް ނުކުރައްވައެވެ. ރިވެތި ގޮތުގައި ދީނުގެ އަޑު އުފުއްލެވުމަށް ފަހު، ކަނާއަތް ފަރާތުންނާއި ވައަތް ފަރާތުން އައި ހަސަދަޔާއި، ނަފްރަތާއި، އަދާވާތްތެރިކަމާއި، ނަފްރަތާ ގިނިކަންޏާ ކަހަލަ ގޮތަކަށް ކުރިމަތި ލެއްވުމަށް ފަހު، އެންމެ އޯގާވަންތަ ރަސްކަލާނގެ ހަޒުރަތަށް އެމަނިކުފާނު ވަޑައިގަތީއެވެ. ގައުމުގައި ހިތަކަށް ވާ ހިތެއް އޮތިއްޔާ، އެ ހިތެއް ކަރުނައިގެ ފުން ކަނޑެއްގެ ތެރެޔަށް އެއްލައިލައްވައިފައެވެ.

ޔަގީނެވެ. ޝަހީދު ޑރ. އަފްރާޝީމް ޢަލީ އަކީ ދިވެހި ގައުމު ދުށް އެންމެ އަގުހުރި އެއް ދަރިއެވެ. އެއީ މި ގައުމު އެ ދަރިޔަކަށް ޓަކައި ފަޚުރުވެރި ވުން ހައްގު ދަރިއެކެވެ. އެމަނިކުފާނު ނުވަގުތެއްގައި އަޅުގަނޑުމެންނާ ވަކި ވެވަޑައިގަތުމަކީ، މި ގައުމަށް ލިބުނު ދުވަހަކު ވެސް ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެކެވެ. އެ މަނިކުފާނުގެ ލެއިފޮދު ނުހައްގުން، އަނިޔާގެ ޝިކާޔަތު އިއްވަމުން، ދިވެހި ބިމަށް އޮހޮރުނު ދުވަހަކީ، ދިވެހި ބިން ގިސްލަގިސްލައި ރުއި ދުވަހެކެވެ. އެ މަނިކުފާނު ޝަހީދު ކޮށްލެވުނު ޚަބަރު ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔުމުން، ދިވެހިރާއްޖެ ގުޑައިގެން ދިޔައީ ތަނޑާ އެކުގައެވެ. އެފަދަ ދެވަނަ ދަރިއެއް ކައިރިޔަކުން، ބަލައިލެވޭ އެއްވެސް ދިމާޔަކުން ފެންނާކަށެއް ނެތެވެ. ހުރީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހުރި ހިތާމައެވެ.

އެ ކަޅު، އަނދިރި، ބަނަ، ބިރުވެރި ދުވަހަށް ފަހު އެތައް އަހަރެއް ވެގެން ދިޔަ ފަހުން، މި ވާހަކަ ދައްކާން ޖެހޭ ތިން ސަބަބެއް އެބަ އޮތެވެ.

ފުރަތަމަ ސަބަބަކީ، ހަނދާނުން ނައްތައިލައިގެން ނުވާނޭ ދުވަހެއްގެ، ހަނދާނުން ފޮހެލައިގެން ނުވާނޭ ކަމެއް، ހަނދާންތައް އައު ކުރުމެވެ. އެ ދަރިޔެއްގެ ޒިކުރާ މި ފަސްގަނޑުގައި އައު ނުކުރެވޭ ދުވަހެއް އަޔަދީގެން ނުވާނޭ ދަރިއެއްގެ ޒިކުރާ އައު ކުރުމެވެ. އަލުން، އަނެއްކާވެސް، ދެ އަތް އުފުލައިލައި، އެ މާތް މަރްޙޫމުގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުސްގެ ބާޣުބަހާރުން ނޫރުވެތި ޖާގައެއް ދެއްވެވުން އެދި ރައްބުލްއަޢްލާގެ މަތިވެރި ރަސްކަންފުޅަށް ނިޔަނެތިކަމާއި މަޑުމޮޅިކަމާ އެކު ދެންނެވުމެވެ.

ދެ ވަނަ ސަބަބަކީ އެމަނިކުފާނުގެ ޠާހިރު ލެއިފޮދުން، ސިޔާސީ ނުބައި މަޤްޞަދުތައް ޙާޞިލު ކުރުމަށް މަސައްކަތް ކުރާ އެންމެންނަށް ނަސޭހަތުގެ ބައެއް އިއްވުމެވެ. ތިޔަހެން ނުހަދާށެވެ. ތިޔަ ކުރެވެނީ ނުބައިކަން ބޮޑު ވެގެންވާ ޢަމަލެކެވެ. އެ ޢަމަލެއްގެ އަނދިރިކަން ދެކެ، ރެއިގަނޑު ވެސް ބިރު ގަންނަ ވަރުގެ ޢަމަލެކެވެ. އެ ޢަމަލެއްގެ މަތީންނާއި ތިރީންނާއި ކުރިމަތީންނާއި ފުރަގަހުން، މަޢުޞޫމިއްޔަތު ކަތިލެވިގެން ބުރަބުރައިގެން ދާ ލެއިގެ ފައްވާރާތައް އުފުލޭ ވަރުގެ ބިރުވެރި ޢަމަލެކެވެ. ތިޔަ އަރައިގަނެވެނީ މާތްރަސްކަލާނގެ ގެފުޅަށް ވުރެ ޙުރުމަތްތެރި ކުރެއްވި އެއްޗެއްގެ ޙުރުމަތަށެވެ.

ތިން ވަނަ ސަބަބަކީ، ސުރުޚީގައި އޮތް ލަފުޒަކާ ބެހޭ ސަބަބެކެވެ.

ގިނަ ބަޔަކު، ޑރ. އަފްރާޝީމް ޝަހީދު ކޮށްލެވުނު ޙާދިސާގެ ވާހަކަ ދައްކަމުން "އަފްރާޝީމްގެ މަރު" ނުވަތަ "އަފްރާޝީމް މަރައިލުން" މިގޮތަށް ބުނާ މައްސަލައެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ކޮންމެ ފުރާނަޔަކީ ވެސް ޙުރުމަތްތެރި އެއްޗެކެވެ. އެހެންކަމާ އެކުގައިމެ، ޑރ. އަފްރާޝީމަކީ ކޮން ބެއިފުޅެއްކަން، އިސް ވެދެންނެވުނު ގޮތުގެ މަތީން، އެނގޭން އޮތް އިރު، ދިވެހި ބަހުގައި މީހުންނަށް ޤަދަރު ކުރުމަށް ޓަކައި ކިޔައިއުޅޭ ގޮތްތަކެއް އޮއްވައި، އެމަނިކުފާނު ޝަހީދު ކޮށްލެވުނު ޙާދިސާގެ ވާހަކަ ދައްކަމުން، އަފްރާޝީމްގެ މަރޭ، އަފްރާޝީމް މަރައިލީއޭ، އަފްރާޝީމްގެ މަރަކީއޭ، މިހެން ބުނެ ވާހަކަ ދެއްކުމަކީ ނުވަތަ ލިޔުމަކީ ހަމަ ރަނގަޅު ގޮތްތޯއެވެ؟ އަފްރާޝީމް އަވަހާރަ ކޮށްލެވުނީއޭ، ޝަހީދު ކޮށްލެވުނީއޭ، މިހެން ބުނާން ހަމަ އުނދަގުލީތޯއެވެ؟ އެމަނިކުފާނު ޙާޞިލު ކުރެއްވި ޢިލްމާއި، ދެއްކެވި މަތިވެރި އަޚްލާޤާއި، މި ޤައުމަށާއި މާތް ވެގެންވާ އިސްލާމް ދީނަށް ކުރެއްވި މަތިވެރި ޚިދުމަތަށް ބަލާ އިރު، މި ދެވޭ ވަރަށްވުރެ ބޮޑު އިޙުތިރާމެއް އެމަނިކުފާނަށް ޙައްޤެއް ނޫންތޯއެވެ؟ ނުވަތަ، އިޙުތިރާމް ޙައްޤު ވާ މިހެއް، އިޙުތިރާމް ދޭން ވީ ގޮތެއް ވެސް ނޭނގޭ ދަރަޖަޔަށް އަޅުގަނޑުމެން ދިވެހީން ގޮތްކުޑަ ވެ، ޖާހިލު ވީތޯއެވެ؟

comment ކޮމެންޓް