މަރު ކޮމިޝަނުން ސުވާލެއް ނުކުރޭ، ތުހުމަތެއް ވެސް ނުކުރޭ: ސަލަފް

ނޮވެމްބަރ 22، 2019: ސަލަފް ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ޖަމިއްޔަތުލް ސަލަފްގެ އެއްވެސް އިލްމުވެރިޔަކާ ސުވާލުކޮށްފައި ނުވާ ކަމަށާއި އަދި އެ ރިޕޯޓުގައި އެ ޖަމިއްޔާއަށް އެއްވެސް ތުހުމަތެއް ވެސް ކޮށްފައި ނުވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް އެކުލަވާލި ރިޕޯޓާ ގުޅިގެން ޖަމިއްޔަތުލް ސަލަފަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެ ޖަމިއްޔާއިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަހްމަދު ސަމީރު ވިދާޅުވީ ޑރ. އަފްރާޝިމްގެ މަރާ ބެހޭ ގޮތުން ކޮމިޝަނުން ނެރެފައިވާ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން، އެކަމުގެ ފަހަތުގައި ވަނީ ސަލަފް ޖަމިއްޔާ ކަމަށް ހީވާ ގޮތަށް ވާހަދައްކަމުން ދާ ކަމަށެވެ.

ސަމީރު ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓުގައި ޑރ. އަފްރާޝީމްގެ މަރާ ސަލަފް އާ ގުޅުވާފައި ނެތް ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކުން، އެ މަރާ ސަލަފާ ގުޅުމެއް ވާކަމަށް ރިޕޯޓުގައި ބުނެފައިވާ ކަމަށް ދޭހަވާ ކަމަށެވެ.

"ހަމައެކަނި ހިމަނާފައި ވަނީ ޑރ. އަފްރާޝީމަށް އިލްމީގޮތުން ރައްދުދީ ސަލަފުން ނެރެފައިވާ ބަޔާނެއްގެ ވާހަކަ. ދެން މައްސަލައެއްގައި އިލްމީ ގޮތުން ރައްދު ދިނުމަކީ ފަހަރެއްގައި ވެސް ބޭފުޅެއްގެ މަރާ ގުޅުވުމުގެ މާނައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އަދި އެގޮތަށް ހަމަ ބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ،" ސަމީރު ވިދާޅުވިއެވެ.

ނޮވެމްބަރ 22، 2019: ސަލަފް ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލްމީގޮތުން ދިން ރައްދަކީ މީހަކު މަރަންޖެހޭ ސަބަބެއް ކަމަށް ގަބޫލުކުރާނަމަ، ސިޔާސީ ގޮތުން ޑރ. އަފްރާޝީމަށް ދީފައިހުރި ރައްދުތައް ބެލުން މާ ރަނގަޅު ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ސިޔާސީ ގޮތުން އަފްރާޝީމަށް ދީފައިހުރި ރައްދުތައް މާބޮޑަށް ވަރުގަދަވެފައި ހަރުކަށި ކަމަށެވެ.

"އަދި ޚުދު ޑރ. އަފްރާޝީމްގެ ދޫފުޅުން އެބަހުރި އެ ވާހަކަތައް ވިދާޅުވެފައި. ނަމަވެސް އަޅުގަނޑުމެންގެ ޖަމިއްޔާގެ ބޭފުޅެއްގެ ނަން ވެސް އަދި ޖަމިއްޔާގެ ނަން ވެސް އެއްވެސް ފަހަރެއްގައި ވިދާޅުވެފައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންނާ އެފަދަ އަދާވާތްތެރިކަމެއް ހަގީގަތުގައި ނެތް. ސިޔާސީ ގޮތުން ރައްދު ދީފައި ހުރީ މާ ހަރުކަށިކޮށް، މާ ގަދަ ޒުވާބުތައް ހިނގާފައި ހުރި،" ސަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މި މައްސަލައިގައި ކުރިއަށް ދިޔަ އެއްވެސް ތަހުގީގެއްގައި މިއަދާ ހަމައަށް އެއްވެސް ފަރާތަކުން އެއްވެސް ޒަމާނެއްގައި ޖަމިއްޔަތުލް ސަލަފްގެ ބައިވެރިވުން މީގަ އޮތް ކަމަށް ބުނެފައި ނެތް ކަމަށާއި ދީނީ އިލްމުވެރިންގެ މައްޗަށް ވެސް ތުހުމަތު ކޮށްފައި ނެތްކަން ސަމީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުއްލިއަކަށް މައްސަލައިގެ މިސްރާބު ބަދަލުކޮށް، ސިޔާސީ ގޮތުން އަފްރާޝީމަށް ދީފައި ހުރި ރައްދުތައް ހުރިގޮތަށް ހުއްޓާއި މިކަމާ ސަލަފާ ގުޅުވައިގެން ވާހަކަތައް ދަައްކަމުން އަންނަނީ އެހެން މަގުސަދެއް ހާސިލްކުރުމަށް ކަމަށް ސަމީރު ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެން ފްރޭމްކުރުމުގެ ތަސައްވުރެއް މި މައްސަލައިގައި ގެންގުޅެމުންދާތަން މި ފެންނަނީ. މީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ދުރާލާ ރޭވިގެން އަޅުގަނޑުމެންނަށް ޒާތީގޮތުން ދީފައިވާ ހަމަލާއެއް ކަމަށް އަޅުގަނޑު ގަބޫކުރަނީ. ޒާތީގޮތުން ނަން ހުތުރު ކުރުމަށް ކުރާ ކަމެއް،" ސަމީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަހްމަދު ސަމީރު ވިދާޅުވީ، ސަލަފްގެ އިސް ޝެއިހެއްގެ ބަޔާން ނެގިކަމަށް ބުނެ ރިޕޯޓުގައި ބުނެފައިވާ ވާހަކައަކީ ބުހުތާން ދޮގު ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ސަލަފްގެ އިސް ޝައިހެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޝައިޚް މުހައްމަދު ލަތީފުގެ ނަމެވެ.

"އެއީ ދޮގެއް އަސްލު ހަގީގަތުގައި. އެއްވެސް ޒަމާނެއްގައި ޝެއިޚް ލަތީފް އަޅުގަނޑުމެންނާ އެކު މަސައްކަތެއް ނުކުރައްވާ. އެހެންވީމަ ކަނޑައެޅިގެން ދޮގެއް އެއީ. ކުރީގަ މަސައްކަތް ކުރެއްވީ އަދާލަތު ޕާޓީގަ،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޝެއިހް ލަތީފްގެ ނަން ހިމަނައި އެއީ ސަލަފް އާ ސުވާލުކުރުން ކަމަށް ދެއްކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ސަލަފަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމިއްޔާއެއް ކަމުގައި ކަނޑައަޅައި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެންނާއި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތަކަށް އެ ޖަމިއްޔާއިން ފަންޑު ކުރިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ނައިބު ރައީސް އައްޝައިޚް ހަސަން މުސާ ފިކްރީ ވިދާޅުވީ 2006 ވަނަ އަހަރު އެ ޖަމިއްޔާ އުފެދުނު ހިސާބުން ފެށިގެން ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަނީ އިސްލާމީ ދައުވަތު ދިވެހިންނަށް ފޯރުކޮށްދީ، އިސްލާމްދީނުގެ ރިވެތި އުސޫލުތައް އޮޅުންފިލުވައި ދިނުން ކަމަށެވެ.

ފިކުރީ ވިދާޅުވީ އެ ޖަމިއްޔާގެ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި، މާލީ ބަޔާންތައް ވެސް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރަމުން އަންނަ ކަމަށެވެ.

އެ ޖަމިއްޔާގެ އެއްވެސް އިލްމުވެރިޔަކީ ހައްދުފަހަނައެޅުމާ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެއް ނޫން ކަމަށާއި އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ދަރުސްތަކާއި އެހެނިހެން ޕްރޮގްރާމްތަކަކީ ވެސް އާންމުންނަށް ފެންނަހެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހައްދުފަހަނަ އަޅައި ދިއުމާއި ހަރުކަށި ވިސްނުމަކީ ޖަމިއްޔަތުލް ސަލަފްގެ އެއްވެސް އިލްމުވެރިއަކު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ދަރުސްތައް ފެންނަން އެހުރީ. ދަރުސްތައް ބަލާލުމުން ފެންނާނެ އެއްވެސް ހަރުކަށި ފިކުރަކަށް މި ޖަމިއްޔާއިން ދުވަހަކުވެސް ގޮވާލާފައި ނުވާކަން،" ފިކުރީ ވިދާޅުވިއެވެ.

ނޮވެމްބަރ 22، 2019: ސަލަފް ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެއާއެކު ސަލަފް އަކީ ހަރުކަށި ފިކުރުތައް ހުރި ފަރާތްތަކާއި ދީން ދޫކޮށް މުރުތައްދުވާ ފަރާތްތަކަށް، ދީނާމެދު ޝައްކު އުފެދޭ ޒުވާނުންނަށް ވެސް ކައުންސިލިން ދީ، ނަސޭހަތްތެރިވެ، އެމީހުން އަނބުރާ ދީނަށް ގެނައުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ގިނަ އަދަދެއްގެ ބޭރު މީހުން ވެސް އެ ޖަމިއްޔާ މެދުވެރިކޮށް އިސްލާމްދީން ގަބޫލުކޮށްފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ.

"ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ރާއްޖެއިން ބޭރުގައި ހިނގާ އެއްވެސް ހަނގުރާމައަކާ ޖަމިއްޔަތުލް ސަލަފް އާއި ގުޅުން ނެތް ތަނުގައި، އަދި އެކަމަށް ރާއްޖެއިން ބޭރަށްދާ އެއްވެސް ފަރާތަކާ ޖަމިއްޔަތުލް ސަލަފް އާ ގުޅުމެއް ނެތް. އަދި ސަލަފުން އެފަދަ އެއްވެސް ކަމަކަށް ބާރު ނާޅާނެ އިނގޭތޯ،" ފިކުރީ ވިދާޅުވިއެވެ.

ސަލްފުން ބުނީ މިއީ މި ސަރުކާރު އައުމުން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ސަލަފް އުފެދިގެން މިވީ ހުރިހާ ދުވަހަކު ވެސް އެ ޖަމިއްޔާއިން މަސައްކަތް ކޮށްފައި ވާނީ ހައްދުފަހަނައަޅާ ދިއުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށެވެ.

އަދި ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ވާހަކައެއް ދެކެވޭ ނަމަ، އެކަންކަން ބަޔާންކޮށް ސަލަފުން އެ ޖަމިއްޔާގެ ވާޖިބު އަދާކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ކަންތައް ދާގޮތުން، ސަލަފް އުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ސަލަފް އުވާލި ނަމަވެސް އިސްލާމީ ވަހުދަތު ހިފަހައްޓަން ހުރިހާ ދިވެހިން މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

comment ކޮމެންޓް