ޑީއާރްޕީގެ އެސްޖީކަމަށް ޖާބިރުގެ ދަރިކަނބަލުން ހަމަޖައްސައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.

ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެސްޖީގެ މަގާމަށް އާމިނަތު ޖާބިރު ހަމަޖެއްސީ ރޭ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އާމިނަތު ޖާބިރުގެ ކުރިން ޑީއާރްޕީގެ އެސްޖީގެ މަގާމު ފުރުއްވާފައިވަނީ ނަހުލާ އަލީ އެވެ. ނަމަވެސް، ނަހުލާ މި ފަހުން ވަނީ ޑިއާރުޕީއިން ވަކިވެ ވަޑައިގެން، ޕީޕިއެމްއާ ގުޅިވަޑައިގެންފަ އެވެ.

ދޭސްފަސް ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އުފެއްދި ޑީއާރްޕީގެ ލީޑަރުކަމާ ޖާބިރު ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ތެރޭގައި އެވެ.

މިފަހުން ޑީއާރުޕީގެ ނައިބު ލީޑަރު ކަމަށް ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހިމް ޝިހާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފު ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޕާޓީގެ އެންމެ ފުރަތަމަ ލީޑަރުގެ މަގާމު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދާކުރެއްވިއިރު، އޭގެ ފަހުން އަހްމަދު ތަސްމީން އަލީ އާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވާފަ އެވެ. ކާނަލް ވެސް މިފަހުން ވަނީ ޑީއާރުޕީއިން ވަކިވެ ވަޑައިގަތް ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް