މައި ކޮމިޓީން ފާސްކުރި ރިޕޯޓްގައި ސަޓޯގެ ނަން ހިމަނައިފި

އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށުގެ ދައުވާ ސާބިތުނުވި ހ. ހިކޯސްޓް އަލީ ޝާން -- ސަން ފައިލް ފޮޓޯ

ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ހިމަނައި، މަރު ކޮމިޝަނުގެ ރިޕޯޓު ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު 241 ކޮމިޓީން ރިޔާސީ ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރަން ނިންމީ ހަތް ކަމެއްގެ މައްޗަށެވެ. އަދި އެކަންކަން ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލި އެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ދިރާސާކުރަން ނިންމި ހަތް ކަންތައް:

  • ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުން
  • އެ މަރުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
    ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
  • އެ މަރު ހިނގާކަން އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުން
    އެ މަރުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުން
  • ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުން
  • ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން

ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށް މައި ކޮމިޓީއަށް ހުށަހެޅީ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގިނަ މީހުންގެ ނަންތައް ވަކި ވަކި ކެޓަގަރީތަކަށް ބަހާލައި އެ މީހުންގެ ނަންތައް ހިމަނައިގެންނެވެ. ނަމަވެސް އެ ނަންތަކުގައި ސަޓޯގެ ނަމެއް ނުހިމަނަ އެވެ.

މިކަން މީޑިއާގައި ހާމަވުމާއެކު، އެ ކޮމިޓީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ.

މައި ކޮމިޓީގައި އެ ރިޕޯޓު އިތުރަށް ދިރާސާކޮށް، ސަބް ކޮމިޓީގެ ރިޕޯޓުގައިވާ ރެކޮމެންޑޭޝަންތަކުގެ އިތުރުން، އިތުރު ރެކޮމެންޑޭޝަންތަކެއް ވަނީ ހިމަނައިފަ އެވެ. އަދި މައި ކޮމިޓީން ރިޕޯޓު ފާސްކުރީ ސަޓޯގެ ނަމާއެކު އެވެ.

އެގޮތުން މައި ކޮމިޓީގެ ރިޕޯޓުގައި ސަޓޯގެ ނަން ހިމަނައިފައި ވަނީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ތެރޭގަ އެވެ.

ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިޕޯޓު ދިރާސާކުރަން އެކުލަވާލި ސަބް ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ސަބް ކޮމިޓީއާ ހަވާލުކުރެވުނު މަސައްކަތުގައި ޑރ. އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ނަންތައް ހިމެނުން ނެތް ކަމަށެވެ.

ނަމަވެސް ސަބް ކޮމެޓީގެ ރިޕޯޓުގައި ޖިނާއީ ކުށެއް ހިންގާފައިވާ އެންމެހާ ފަރާތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ހިމަނާފައި ވާނެ ކަމަށާއި، އެހެންކަމުން އެމީހުންގެ ތެރޭގައި ސަޓޯގެ ނަން ވެސް ހިމެނޭނެ ކަމަށެވެ.

ސަޓޯގެ އިތުރުން ދެން މަރުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހިމަނާފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އާއި އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި، އެ ރޭ ޑރ. އަފްރާޝީމަށް ހަމަލާދިން ވަގުތު ކްރަސްޓީޒް ރެސްޓޯރަންޓުގައި ތިބެ ހަމަލާގައި ބައިވެރިވި މީހުންނާއި އަދި ފުންވިލުގޭ ސިޑިމަތީގައި ހަރަކާތްތެރިވި މީހުންނެވެ.

މި އެންމެނާ މެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެން މިވަގުތު ތިބި ތަންތަނާއި އެމީހުން ކުރަމުންދާ މަސައްކަތްތައް ކޮމިޓީއަށް ހޯދުމަށް ވެސް ހިމަނައިފައިވެއެވެ.

މީގެ ހަތް އަހަރު ކުރިން 2 އޮކްޓޯބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް މަރާލި މައްސަލާގައި ދައުވާ ކުރީ ސަޓޯއާ އެކު ހުމާމްގެ މައްޗަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް މައްސަލައިގައި ތުހުމަތު ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެ އެވެ. ހެކި ނެތުމުގެ ސަބަބުން ސަޓޯގެ މައްޗަށް ދައުވާ ސާބިތު ނުވި އެވެ. އަދި އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ވެސް ނުކުރެ އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާއެކު އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ސަޓޯ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގައި އަދާކުރަމުން ދިޔަ ވަޒީފާ އިން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މައި ކޮމިޓީގެ ރިޕޯޓު އާންމުކޮށްފައި ވާއިރު، އަފްރާޝީމްގެ މަރުގެ ކަންކަން އެކި ގޮތްގޮތުން، އެކި މިންވަރަށް އެނގިތިބެ ސިއްރު ކުރި މީހުންގެ ތެރެގައި 36 ފަރާތެއްގެ ނަން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދުގެ ނަން ވެސް ހިމެނެ އެވެ. އަދި އެ ލިސްޓަށް އެމްޑީޕީ އެކްޓިވިސްޓް އަދި މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި، އަލީ ހާޝީމް (ސުމިތް)ގެ ނަން ވަނީ އިތުރުކޮށްފަ އެވެ.

ހަގީގަތް އެނގޭނެ ފުލުހުންގެ ނަންތަކުގެ ތެރޭގައި އޭރުގެ ފޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒްއާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނާ ހުސައިން ވަހީދުގެ ނަން ވަނީ ހިމަނާފަ އެވެ.

ރިޕޯޓުގައި ރިކޮމެންޑޭޝަންގެ ގޮތުގައި އަށް ކަމެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ސަލަފް ހިމެނޭ ގޮތަށް ޖިހާދީ ޖަމާއަތްތަކާއި އެކަން އެނގި ތިބެ ސިއްރު ކުރި މީހުންނަށާއި އެކަމުގައި ޖިނާއީ ކުށް ކުރި މީހުންނާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ހިމަނާފަ އެވެ.

ޖިހާދީ، ޓެރަރިސްޓް އަމަލުތައް ތަކުރާރުނުވުމަށް އެފަދަ ޖަމާއަތްތަކުގެ މަސައްސަކަތްތައް ދިރާސާ ކުރާނެ ގޮތެއް ހޯދުން ހިމެނެ އެވެ. އަދި ފުލުހުންގެ ތެރޭގައި އެކަމުގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި ފުލުހުންގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ބެލުމަށް ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އެ މަރުގައި ތުހުމަތުވާ މީހުން ރައްޖެއިން ފުރައިގެން ދިޔުމުގެ ތަފްސީލު އިމިގްރޭޝަނުން ހޯދުމަށް ވެސް އެދިފައިވެ އެވެ.

comment ކޮމެންޓް