އެސްއެމްއީތަކުން 1.3 ބިލިއަން ރުފިޔާއަށް އެދުނު: ރައީސް

"ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އެސްއެމްއީ ބޭންކުގައި މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ނަގަން ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހީންގެ ފަންނީ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއިން ބާއްވާ ފަންނު އެކްސްޕޯ 2019 ހުޅުވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް ވެސް އޮތީ އެކަށީގެންވާ ގޮތެއްގައި އަޅައި ނުލެވި ދޫކޮށްލެވިފައި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ވިޔަފާރިތައް ކުރިއަރައި ދިޔުމަށް ބޮޑެތި އެހީތައް ބޭނުންވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، މި ސަރުކާރުން އެސްއެމްއީ ބޭންކު ހުޅުވާލާ ލޯން ދޫކުރަން އިއުލާން ކުރުމާ އެކު އެ ބޭންކަށް ނުކަތާ ވަރަށް އެޕްލިކޭޝަންތައް ލިބިގެން ދިޔަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ލިޔެލާ ޖެހުމަށް ބޭނުންކުރާ ހަރަކުން "ފަންނު އެކްސްޕޯ 2019" ހުޅުވައިދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެސް.އެމް.އީ ބޭންކުން ހިދުމަތް ދޭން ފެށީ، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު. އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބަ އޮތް. އޭގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖޭގެ އިގްތިސާދުގައި އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 ޕަސެންޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ އިގްތިސާދުގައި އެކަށީގެންވާ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ޝާމިލު ނުކުރެވޭ ކަމަށާއި ފަންނު އެކްސްޕޯގެ އެންމެ މުހިންމު އެއް މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ މާޗް މަހުން ފެށިގެން މިވީ މުއްދަތުގައި އެސްއެމްއީ ބޭންކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 233 މިލިއަން ރުފިޔާ ދޭން ނިންމާފައިވާއިރު، ރައީސް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވިހި ވިހީގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމަށެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިގްތިސާދުން ވަރަށް އަވަހަށް ފެނިގެންދާނެ. އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެއްޔާ، ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަގީން" ރައީސް ޞާލިހު ވިދާޅުވިއެވެ.

ފަންނު އެކްސްޕޯ 2019 ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރި 78 ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން ތިން ވަނައެއް ވަނީ ހޮވާފަ އެވެ.

"ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.

comment ކޮމެންޓް