މިޝެލް އޮބާމާ ގްރެމީ އެވޯޑްސްގެ ނޮމިނޭޝަންގައި!

މިޝެލް އޮބާމާ --- ފޮޓޯ : އިންޑިޕެންޑެންޓް

އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާއަށް، މިއުޒިކުގެ ދާއިރާއިން ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ގްރެމީ އެވޯޑްސްގެ ދާއިރާއެއްގައި ނޯމިނޭޓްވެވަޑައިންނަވައިފި އެވެ.

އެންމެ ބޮޑު މިއުޒިކް އެވޯޑުގައި މިޝެލް ނޯމިނޭޓް ވެވަޑައިންނަވާފައިވަނީ އެންމެ މޮޅު "ސްޕޯކެން ވޯޑް" އަލްބަމްގެ ދާއިރާއިންނެވެ.

އެކަމާ ގްރެމީގެ ނޯމިނޭޝަންގައި ހިމެނިވަޑައިންނަވާފައިވަނީ "ބިކަމިން"ގެ ނަމުގައި އެކަމަނާ ނެރުއްވާފައިވާ އޯޑިއޯފޮތުންނެވެ.

މިޝެލްގެ އޯޑިއޯ ފޮތުގައި އެކަމަނާ، އެމެރިކާގެ ފަސްޓް ލޭޑީއަށް ވެވަޑައިގަތުމުގެ ކުރީން ކަންތައްތައް ވެގެންގޮސްފައިވާ ގޮތުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކަމަނާގެ ގާނޫނީ ވަކީލުކަމުގެ ކެރިއަރުގެ ވާހަކަފުޅުވެސް އެ ފޮތުގައި ދައްކަވައެވެ.

މިއީ މިޝެލްގެ ފުރަތަމަ ނޯމިނޭޝަންއަށް ވި ނަމަވެސް އެކަމަނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ މި ދާއިރާއިން މިހާރު އެވޯޑުވެސް ހާސިލުކުރައްވާފައެވެ. އެމަނިފާނު ނެރުއްވި "ޑްރީމްސް އޮފް މައި ފާދާ" އާއި "ދަ އޮޑޭސިޓީ އޮފް ހޯޕް" އަށް ވަނީ ގްރެމީސްގެ ދެ އެވޯޑު ލިބިވަޑައިންނަވާފައެވެ.

comment ކޮމެންޓް