ސުޕްރީމްކޯޓުން ހުސްވި ތިން މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމެއް ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ދެ ފަނޑިޔާރަކު ރައްޔިތުންގެ މަޖިލީހުން ވަކިކޮށް، އަދި އެއް ފަނޑިޔާރަކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން އުއްތަމަފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރުކަމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހު ވަކިކޮށްފައެވެ. އަދި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ރިޓަޔާކުރެއްވުމަށް އެދިވަޑައިގަތުމުން، ޖޭއެސްސީން ރޭ ވަނީ ފަނޑިޔާރު އަރީފު ރިޓަޔާކޮށްދީފައެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އަދި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެކަމަށްވެސް އިއުލާނުގައި ވެއެވެ.

https://sun.mv/127628

މީގެ އިތުރުން ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި އޮވެގެން ނުވާނެކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށް ވާންޖެހޭކަމަށް ވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭކަމަށް އިއުލާނުގައި ވެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ދެކަމުގައިވެސް މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހަކަށްވެސް ވާންޖެހެއެވެ.

https://sun.mv/127468

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދީފައިވާ ސުންގަޑިއަކީ 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިވަގުތު ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ. އެއީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

https://sun.mv/127623

މީގެ ތެރެއިން އަޒްމިރަލްޑާ، ޝުޖޫން އަދި މަހާޒަކީ މި އަހަރުގެ ތެރޭގައި އެ ކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރުންނެވެ. ފަނޑިޔާރު އަބްދުލްޣަނީ އެ ކޯޓަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ފަނޑިޔާރު ޣަނީގެ މައްސަލަތަކެއް ޖޭއެސްސީއާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަ އިރު، ޖޭއެސްސީން ރޭ ވަނީ ފަނޑިޔާރު އަބްދުލްޣަނީ 60 ދުވަހަށް ސަސްޕެންޑުކުރުމަށާއި އޭނާ މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަން ނިންމާފައެވެ.

comment ކޮމެންޓް