ތިލަފުށީ ހާބާ ރިހިބިލިޓޭޝަންގެ މަސައްކަތް 135 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތިލަފުށީ ހާބަރު ރިހިބިލިޓޭޝަންގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ތިލަފުށީގެ ހާބާ ރީހެބިލިޓޭޝަންގެ މަސައްކަތްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ 135 މިލިއަން ރުފިޔާ އަށް ޙަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހެވެ.

ހާބާރު ރިހިބިލިޓޭޝަންގެ މަސައްކަތަކީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުވުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.

ހާބާ ރީހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގް އެޅުމާއި ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން ރިސައިކްލިންގް ޔާރޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވަރކްޝޮޕެއް ތިލަފުށީގައި ހެދުމެވެ.

އެ މަސައްކަތުގެ ޖުމްލަ އަގަކީ 8،800،544.68 ޔޫއެސް ޑޮލަރު (135.70 މިލިއަން ރުފިޔާ) އެވެ.

ތިލަފުށި

އެ ކޮންޓްރެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މާލެއަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) އަދި ފެލިދެއަތޮޅު (ވ) ހިމެނޭ ޒޯން ތިނެއްގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޤުސަދުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އެހެނިހެން ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކާ އެކު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫޢެއް މިހާރު ކުރިއަށްދެ އެވެ.

އެ މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރު އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާ އެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް