ޑަޗް ލީގުން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ތެދުވެއްޖެ

ޑަޗް ލީގުގެ ޓްރޮފީ: އަންނަ ހަފްތާ އެ ލީގުގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް ނަސްލީ ތަފާތުކުރުމާ ދެކޮަޅަށް އަޑު އުފުލަނީ --- ފޮޓޯ// ޑޮމް ފެރަލް

ކުރިއަށް އޮތް ހަފްތާ ޑަޗް ލީގުގެ އެއްވަން އަދި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ހުރިހާ ޓީމެއްގެ މެޗުތަކުގައި ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.

ނެދަލެންޑްސްގެ އެއްވަނަ އަދި ދެވަނަ ޑިވިޝަނާ އެކު އެ ގައުމުގެ ހުރިހާ ޕްރޮފެޝަނަލް ޓީމުތައް އަންނަ ހަފްތާ ކުޅޭ މެޗުތަކުގެ ފުރަތަމަ މިނަޓު އެއްވެސް ކުޅުންތެރިޔަކު ނުކުޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅުކަން ހާމަކުރުމުގެ ބޭނުމުގައި ކަމަށް ނެދަލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަން (ޑަޗް ރޯޔަލް ފުޓުބޯލް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

އަދި އެއާ އެކު ސްޓޭޑިއަމްތަކުގެ ހުރިހާ ސްކްރީންތަކުގައި ނަސްލީ ތަފާތު ކުރާ ނަމަ ނުކުޅޭނެ ކަމަށް ބުނާ ބެނާއެއް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިކަންތައް ފުޓުބޯޅައިގެ ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ގޮތުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތަށް ފަހު އެއް މިނެޓް އިތުރަށް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ގެންނަ އެއް މިނެޓުގެ ސްކޫތުގެ ބަދަލުގައި ކަމަށްވާ އިރު މި އުސޫލު ޑަޗް ލީގުގެ ހުރިހާ މެޗެއްގައި ވެސް ބޭނުން ކުރާނެ ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

ޑަޗް ލީގުން އިސްނަގައިގެން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މި ހަރަކާތް ހިންގުމުގެ އެއް ސަބަބަކީ ފަހަކަށް އައިސް އެ ލީގުގައި ވެސް ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށް ބައެއް ކުޅުންތެރިން ވެގެން ގޮސް މެޗުތައް ހުއްޓާލާ ހިސާބަށް ވެސް ކަންކަން ދާން ފެށުމެވެ. އެގޮތުން އެންމެ ފަހުން ޑަޗް ލީގުގައި ޑެން ބޯޝްއާއި އެކްސެލްޝާ ކުޅުނު މެޗުގައި އެކެސެލްޝާގެ އަހްމަދު މެންޑެސް މޮރޭރާ ވަނީ ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށް ވެފަ އެވެ.

މޮރޭރޯއަށް އެދުވަހު ދިމާވި ހާދިސާގައި އޭނަގެ ޓީމް މޭޓުން ވެސް ވަނީ ބައިވެރިވެ މެޗު ނިމުމުގެ 30 މިނެޓުގެ ކުރިން ދަނޑުން ފައިބާފަ އެވެ. އެއާ އެކު ރެފްރީ ވެސް ވަނީ އެކަން ހުއްޓުމަކަށް އަންނަންދެން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ. ކުޅުން އަލުން ފެށުމާ އެކު ޝިކާރައަކަށްވި މޮރޭރާ ވަނީ ގޯލެއް ޖަހައި އިދިކޮޅު ޓީމުން ކުރި ފުރައްސާރައާ ދެކޮޅުކަން އެންގުމުގެ ގޮތުން ކަންފަތުގައި އަތް އަޅައިގެން ހުރެ ސެލަބްރޭޓް ކޮށްފަ އެވެ.

އެ ދުވަހުގެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ޑަޗް ފެޑެރޭޝަނުން ބުނެފައިވާ އިރު ނަސްލީ ތަފާތުކުރުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތެދުވަން މިހާރު ލަސް ވެއްޖެ. މިކަން ހުއްޓަން ވެއްޖެ." ޑަޗް ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް