ނިމިގެން ދިޔައީ ހުރިހާ ރޮނގަކުން ވެސް ދަރިވަރުންނަށް ކާމިޔާބު އަހަރެއް: މިނިސްޓަރު

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

ނިމިގެން ދިޔައީ ހުރިހާ ރޮނގަކުން ވެސް ދަރިވަރުންނަށް ކާމިޔާބު އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުނިމުމާ ގުޅިގެން މިނިސްޓަރު މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ ދިރާސީ އަހަރު ނިމިގެން މިދަނީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ އެއްގޮތަށް ހާސިލުކުރަން ޖެހޭ އެންމެހާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލްކުރެވިގެންކަން ކަމަަށެވެ.

އެގޮތުން ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ހުރިހާ ސުކޫލެއްގައި ތަންފީޒުކުރެވި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އައިސްފައިވާ ހެޔޮބަދަލު މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެެވެ.

އޭގެ އިތުރުން ތަޢުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒުކުރެވި އޭގެ ހެޔޮ ބަދަލު ސުކޫލް މާހައުލުން ފެންނަންފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ފަހި ފުރުސަތުތައް ހޯދާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ފާހަގަކުރެވޭ ފަދަ ކާމިޔާބުތަކެއް ހާސިލްކުރެވިފައިވެ އެވެ. ހުރިހާ ސުކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސުކޫލެއްގައި ހިންގުނު 'ސިންގަލް ސެޝަން ސުކޫލް' ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވި، އޭގެ ނަތީޖާއާ ހަމައަށް އާދެވިފައިވެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެއް އަހަރުގެ ތެރޭގައި އެއްމެ ބޮޑު ހޭދައެއް ކުރެވުނީ މިދިޔަ އަހަރު ކަަމަށެވެ. އަދި މުވައްޒަފުންގެ އިލްމީ ގާބިލްކަން އިތުރުކޮށް ފަންނީ ހުނަރު ތަރައްގީ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް މި އަހަރުތެރޭގައި ހިންގާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އާ މަންހަޖަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް "ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް"އެއް ބޭއްވި އޭގެ އަލީގައި މުގައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ފެށިފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފަ އެވެ.

"ނިމިގެންމިދާ 2019 ވަނަ އަހަރުގެ ދިރާސީ އަހަރަކީ ގިނަ ގޮތްގޮތުން ދަރިވަރުންނަށް މަންފާކުރަނިވި، އަދި ހުރިހާ ރޮނގަކުން ވެސް ކާމިޔާބު އަހަރެއްގެ ގޮތުގައި މިންވަރުކުރެއްވި ކަމަށްޓަކައި މާތްﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރު ދަންނަވަމެވެ." މިނިސްޓަރުގެ ޚިތޯބުގައިވެ އެވެ.

ނިމިގެން ދިޔަ އަހަރު 72950 ދަރިވަރުން ރާއްޖޭގެ ސަރުކާރު ސްކޫލްތަކުން ތައުލީމް ހާސިލްކުރި އެވެ.

comment ކޮމެންޓް