މަހިންދަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި، ލަންކާގެ ވެރިކަމުގައި ދެބެއިން

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި ބޭބޭފުޅު އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ނޮވެމްބަރު 21): ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި އެވެ.

ލަންކާގައި ފުރަތަމަ އޭޕްރިލް 2004އިން ނޮވެމްބަރު 2005އަށް އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް ބޮޑުވަޒީރުކަން ކުރެއްވި މަހިންދައަށް މިފަހަރު ހުވާލާ ދެއްވީ އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެވެ. އެއީ ލަންކާގައި އެއްބަނޑު އެއްބަފާ ދެބެއިން ބޮޑުވަޒީރު ކަމާއި ރައީސްކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

މަހިންދަ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރީ، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ވިކްރަމަސިންހަގެ ދައުރު ނުނިމެނީސް އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އޭނާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަ ބަލިވުމުންނެވެ.

އެއިންތިހާބުގައި ވާދަ ކުރެއްވި 35 ކެންޑިޑޭޓުންގެ ތެރެއިން ގޯޓާބަޔައަށް 52.25 ޕަސެންޓު ވޯޓު ލިބުނު އިރު ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ. އޭގެ ފަހުން ހޯމަ ދުވަހު ގޯޓާބަޔަ ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފަ އެވެ.

ލަންކާގައި މަހިންދަ 2005އިން 2015އަށް ރައީސްކަން ކުރެއްވި އިރު ގޯޓާބަޔަ ވަނީ އޭރު ޑިފެންސް ސެކްރެޓަރީކަން ކުރައްވާފަ އެވެ.

comment ކޮމެންޓް