ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިިފި

ޖޫން 20، 2019: ޖޭއެސްސީ އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަތަހުގީގު އަޑުއެހުުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިިފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާންއެއްގައި ވަނީ ކްރިމިނަލް ކޯޓަށް އެއް ގާޒީ އަދި ސިވިލް ކޯޓަށް ހަތަރު ގާޒީ ހޯދަން އިއުލާންކޮށްފައެވެ.

ދެ ކޯޓުގެ ފަނޑިޔާރުންގެ މުސާރައަކަށް 30،000 ރުފިޔާ ލިބޭއިރު އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ ލިބެއެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުެގ ޝަރުތުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ ނުވަތަ ގާނޫނީ ވަކީލުކަންކުރުމުގައި ދެ އަަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހެވެ.

ފަނޑިޔާރުން ހޯދަން އިއުލާންކުރިއިރު ސިވިލް ކޯޓުގެ މަގާމުތަކަށް ދާދި ފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ. އެގޮތުން ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުވެސްކޮށްފައެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ އޭނާ މިވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ.

comment ކޮމެންޓް