ޗުއްޓީއަށް ފުރާ ކަނޑު އުޅަނދުތައް ސިފައިން ބަލައި ފާސްކުރަނީ

ކަނޑު އުޅަނދު ޗެކު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން ކުރަމީ -- ފޮޓޯ: އެމްއެންޑީއެފް

ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް އިން އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަނޑުމަގުން ދަތުރުކުރާ އުޅަނދުތައް ޗެކް ކުރުމަށް "ނިޔާމަ" ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ކަނޑުމަގުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޅަނދުތަކުގައި އަޅާފައި ހުރޭތޯ ބަލާނެ ކަމަށާއި އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އުފުލާތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ކޯސްޓްގާޑުން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެއިތުރުން މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ވެސް ބަލާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި އޮޕަރޭޝަން މާލޭގެ އިތުރުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ.

މާލެއާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތައް އަދި ކަނޑުމަގުން ބައެއް އުޅަނދުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް