ސްޓެލްކޯގައި ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި

ސްޓެލްކޯގައި ފިރިހެނުންގެ ދުވަސް ފާހަގަ ކުރުން --- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ ފަރާތުން ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ދުނިޔޭގެ ފިރިހެންނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ ފަރާތުން އެ ކުންފުންނީގެ ފިރިހެން މުވައްޒަފުންނަށް ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި އޮތް މި ހަރަކާތުގައި ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވުމާ އެކު ކޮންމެ މުވައްޒަފަކަށް ވަނީ ހަދިޔާއެއް ދީފަ އެވެ. އަދި ދުވަހުގެ މުނާސަބާތުގައި ފިރިހެން މުވައްޒަފުންނަށް ހާއްސަ ކޭކެއް ފަޅާފައިވެ އެވެ.

ފިރިހެނުންގެ ދުވަހަކީ 19 ނޮވެމްބަރެވެ.

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ އަންހެން މުވައްޒަފުން އިސްނަގައިގެން ފިރިހެން މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ފިރިހެން މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއްކަމުގަ އެވެ.

ސްޓެލްކޯއަކީ ވަކި ޖިންސެއްގެ ބައަކަށް މަސައްކަތްކުރެވޭ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ ފިރިހެން މުވައްޒަފުންނާ އެއް ހަމައެއްގައި އަންހެން މުވައްޒަފުން މަސައްކަތްކުރަމުން އަންނަކީ ކުންފުންޏަށް ލިބިފައިވާ ބޮޑުކުރިއެރުމެއްކަމުގައި އެމްޑީ ވިދާޅުވި އެވެ.

ދުނިޔޭގެ ފިރިހެނުންގެ ދުވަސް ކުލަގޮތެއްގައި ސްޓެލްކޯގެ އަންހެން މުވައްޒަފުން މިއަދު ފާހަގަކޮށްފައި ވަނީ ހަބޭސް ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކާ އެކު އެވެ.

comment ކޮމެންޓް