ސަޓޯގެ ނަން އުނިކޮށް، ސުމިތުގެ ނަމާއެކު 241 ކޮމިޓީ ރިޕޯޓު ފާސްކޮށްފި

ސަޓޯއާއި ސްމިތް: 241 ކޮމިޓީގެ ރިޕޯޓުގައި ސަޓޯގެ ނަމެެއްނެތް އިރު، ސްމިތްގެ ނަން ވަނީ ހިމަނާފައި ---

ރަހުމްކުޑަ ގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެމްޑީޕީ އެކްޓިސްޓް ހ. ހިކޯޓް، އަލީ ޝާން (ސަޓޯ)ގެ ނަން ނުހިމަނައި، ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓްގެ ދިރާސާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފި އެވެ.

ޓޫފޯވަން ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާކޮށް އެކުލަވާލި އެ ރިޕޯޓްގައި، އެނގި ތިބެ އެ މަރުގެ ކަންކަން ސިއްރު ކުރި މީހުންގެ ލިސްޓަށް އެމްޑީޕީ އެކްޓިވިސްޓް އަދި މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި، އަލީ ހާޝީމް (ސުމިތް)ގެ ނަން ވަނީ އިތުރުކޮށްފަ އެވެ.

ސަޓޯ އަކީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން ފުލުހުން ހިންގި ތަހުގީގުންނާއި ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ އެނގިފަ އެވެ. އަދި ސަޓޯ އަކީ އެ ހަމަލާ ރާވައި ހިންގުމުގައި ވެސް އިސްކޮށް އުޅުނު މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެ އެވެ. އެ ރިޕޯޓު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން އާންމު ކުރި އިރު، ސަޓޯ އަދާކުދަމުން ދިޔަ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާ އިން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށުގެ ދައުވާ ސާބިތުނުވި ހ. ހިކޯސްޓް އަލީ ޝާން -- ސަން ފައިލް ފޮޓޯ

މީގެ ހަތް އަހަރު ކުރިން 2 އޮކްޓޯބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް މަރާލި މައްސަލާގައި ދައުވާ ކުރީ ސަޓޯއާ އެކު ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އދި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް މައްސަލައިގައި ތުހުމަތު ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެ އެވެ. ހެކި ނެތުމުގެ ސަބަބުން ސަޓޯގެ މައްޗަށް ދައުވާ ސާބިތު ނުވި އެވެ. އަދި އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ވެސް ނުކުރެ އެވެ.

ސުމިތަކީ، ޑރ. އަފްރާޝީމްގަ މަރުގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މިދިޔަ ހޯމަ ދުވަހު 241 ކޮމިޓީން ރިޔާސީ ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރަން ނިންމީ ހަތް ކަމެއްގެ މައްޗަށެވެ. އަދި އެކަންކަން ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލި އެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ދިރާސާކުރަން ނިންމި ހަތް ކަންތައް:

  1. ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުން
  2. އެ މަރުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
  3. ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
  4. އެ މަރު ހިނގާކަން އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުން
  5. އެ މަރުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުން
  6. ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުން
  7. ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން

https://sun.mv/127484

ސިއްރުކޮށް ކުރިއަށް ގެންދިޔަ ސަބް ކޮމިޓީން ދެ ދުވަސްތެރޭ ރިޕޯޓު ނިންމައި، އިއްޔެ ވަނީ މައި ކޮމިޓީއަށް ހުށަހަޅާފައި އެވެ. މައި ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓު ވެސް ފާސްކޮށްފައި ވަނީ ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެެންނެވެ.

ސަބް ކޮމިޓީގެ ރިޕޯޓުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. ރިޕޯޓުގައި ދިރާސާކުރަން ނިންމި ހަތް ކަމެއް ކަނޑައަޅައި ކުރިއަށްދާނެ ގޮތާއި އެއިން ކޮންމެ ކަމަކަށް ރިކޮމެންޑޭޝަން ވަނީ ހިމަނާފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގިނަ މީހުންގެ ނަންތައް ވަކި ވަކި ކެޓަގަރީތަކަށް ބަހާލައި އެ މީހުންގެ ނަންތައް ސަބް ކޮމިޓީގެ ރިޕޯޓުގައިވަނީ ހިމަނާފަ އެވެ. ނަމަވެސް އެ ނަންތަކުގައި ސަޓޯގެ ނަމެއް ނުހިމަނަ އެވެ.

އެގޮތުން ސަބް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ޑރ. އަފްރާޝީމް މަރާލުމުގައި ފައިސާގެ މުއާމަލާތްތައް ހިންގި މީހުންގެ ލިސްޓަކާއި އެކަން އެނގި ތިބެ ސިއްރު ކުރި ފަރާތްތަކާއި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގައި ނަން އަދި އެ މަރުގެ ހަގީގަތް އެނގޭނެ އޭރު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ފަރާތްތަކުގެ ނަންތަކެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި ޑރ. އަފްރާޝީމް މަަރާލުމުގައި ފައިސާ މުއާމަލާތް ހިންގި މީހުންގެ ލިސްޓުގައި 12 މީހެއްގެ ނަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސާ)ގެ ދަނބިދަރި، މ.ޖަރީމާގެ، އަބްދުﷲ ޖާވިދު (ޖާ) އާއި އެކަމުގައި މޭސްތިރިޔާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ، ހ. ހިލްޓަން އަޒްލީފް ރައޫފް އަދި އެ މަރުގައި އަމަލީ ގޮތުން ބައިވެރިވި، ހ. ލޮބީ ހުސައިން ހުމާމްގެ ނަންވެސް ވަނީ ހިމަނާފަ އެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވާ ޖިހާދީ ގުރޫޕުތައް:

  1. ޖަމިއްޔަތުލް ސަލަފު
  2. ރާއްޖޭގައި މަސައްކަތް ކުރާ އަލްގައިދާ ގޮފި
  3. އައިސިސް އަށް ބައިތު ހިފި ޖަމާއަތް
  4. ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތް
  5. ފުރުގާން މިސްކިތް ކައިރީ ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތުގެ މީހުން

އެކަން އެނގިތިބެ ސިއްރު ކުރި މީހުންގެ ތެރެގައި 36 ފަރާތެއް ނަން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދުގެ ނަން ވެސް ހިމެނެ އެވެ. އަދި އެ ލިސްޓްގައި ވަނީ ސުމިތުގެ ނަން ވެސް ހިމަނައިފަ އެވެ.

ހަގީގަތް އެނގޭނެ ފުލުހުންގެ ނަންތަކުގެ ތެރޭގައި އޭރުގެ ފޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒްއާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނާ ހުސައިން ވަހީދުގެ ނަން ވަނީ ހިމަނާފަ އެވެ.

ރިޕޯޓުގައި ރިކޮމެންޑޭޝަންގެ ގޮތުގައި އަށް ކަމެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ސަލަފް ހިމެނޭ ގޮތަށް ޖިހާދީ ޖަމާއަތްތަކާއި އެކަން އެނގި ތިބެ ސިއްރު ކުރި މީހުންނަށާއި އެކަމުގައި ޖިނާއީ ކުށް ކުރި މީހުންނާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ހިމަނާފަ އެވެ.

ޖިހާދީ، ޓެރަރިސްޓް އަމަލުތައް ތަކުރާރުނުވުމަށް އެފަދަ ޖަމާއަތްތަކުގެ މަސައްސަކަތްތައް ދިރާސާ ކުރާނެ ގޮތެއް ހޯދުން ހިމެނެ އެވެ. އަދި ފުލުހުންގެ ތެރޭގައި އެކަމުގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި ފުލުހުންގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ބެލުމަށް ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އެ މަރުގައި ތުހުމަތުވާ މީހުން ރައްޖެއިން ފުރައިގެން ދިޔުމުގެ ތަފްސީލު އިމިގްރޭޝަނުން ހޯދުމަށް ވެސް އެދިފައިވެ އެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި މެމްބަރުންގެ ހާޒިރީގެ ތަފްސީލު ހިމެނޭ ކަމަށް ބުނެފައިވީ ނަމަވެސް އެ ތަފްސީލެއް ނެތެވެ. އެ ރިޕޯޓުގައި ހަމައެކަނި ސަބް ކޮމިޓީގެ މެމްބަރު މުގައްރިރު ހަސަން ލަތީފު ސޮއި ކޮށްފައިވާ އިރު، އެ ރިޕޯޓު ސަބް ކޮމިޓީން ފާސްކުރިގޮތުގައި ވޯޓުގެ ތަފްސީލެއް ނެތެވެ.

އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ހުސައިން މުހައްމަދު ލަތީފާއި އާދަމް ޝަރީފު ވިދާޅުވެފައި ވަނީ، ސަބް ކޮމިޓީން ރިޕޯޓު ފާސް ކުރިމަކަށް ގަބޫލު ނުކުރައްވާ ކަމަށާާއި އެ ރިޕޯޓަށް ވޯޓު ނުދެއްވާ ކަމަށެވެ. ސަބް ކޮމިޓީން އެ ރިޕޯޓު މައި ކޮމިޓީއަށް ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ދެ މެމްބަރުން ވެސް ވިދާޅުވި އެވެ. އެ ކޮމިޓީއަކީ ސިއްރު ކޮމިޓީއަކަށް ވުމުން އެކަމާ ގުޅިގެން ހަސަން ލަތީފު ކޮމެންޓް ކުރާކަށް ބޭނުންފުޅެއް ނުވި އެވެ.

comment ކޮމެންޓް