ކޮމިޓީން ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ފާސްކޮށްފި

2020 އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކޮށްފިއެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ބަޖެޓަށް 366 އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

ބަޖެޓަށް އިތުރު ކުރި ބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އޭގެ އިތުރުން އެހެނިހެން ހަރަދުތަކަށްވެސް ބަޖެޓަށް ފައިސާ އިތުރުކޮށްފައިވެއެވެ.

ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދަން ނިންމާފައި ވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

ޓީބިލު ވިއްކަން ނިންމާފައިވާ އިރު، ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ސަރުކާރުން ވަނީ ނިންމާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ 300 މިލިއަން ޑޮލަރުގެ ބޮންޑު ގެރެންޓީ ކުރާނީ ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)އިން ކަމަށެވެ.

ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފައެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

comment ކޮމެންޓް