ޝޯ ކެންސަލް ކޮށްލަން ޖެހުމުން އާރިއާނާގެ ފޭނުންނަށް ކެއުން

އެވޯޑް ހަފްލާއެއްގެ ތެރޭގައި އާރިއާނާ ގްރާންޑޭ ---- ފޮޓޯ : އިންޑިޕެންޑެންޓް

ސިއްހީ ހާލަތު ހުރި ގޮތުން ޝޯއެއް ކެންސަލު ކޮށްލަން ޖެހުމުގެ ސަބަބުން މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ، އޭނާގެ ފޭނުންނަށް މެންދުރުގެ ކެއުން ދީފި އެވެ.

ކެންޓަކީގެ ލެކްސިންޓަންގައި ހުރި ރޫޕް އެރީނާގައި ދޭން އޮތް ޝޯއެއް، އާރިއާނާއަށް ދާދި ފަހުން ވަނީ ކެންސަލުކޮށްލަން ޖެހިފަ އެވެ.

ޝޯގެ ހަތަރު ގަޑީއިރު ކުރީން ޝޯ ކެންސަލުކޮށްލަން ޖެހުނީ އާރިއާނާއަށް ސައިނަސްގެ މައްސަލަ ޖެހިގެން ވާހަކަ ދައްކަން އުނދަގުވުމާ ގުޅިގެންނެވެ.

ޝޯ ކެންސަލުކޮށްލިއިރު އޭނާގެ ބައެއް ފޭނުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އަދި ޝޯ ކެންސަލުކޮށްލި ނަމަވެސް އެކީގައި ވަގުތު ހޭދަކުރުމަށް އެ ފޭނުން އެއްބަސްވިއެވެ. އެވާހަކައިގެ މައުލޫމާތު އާރިއާނާއަށް ލިބުމުން އެކަމާ ކަންބޮޑުވެ ފޭނުންނަށް މައާފަށް އެދި ކޮށްދެވޭނެ ކަމަކަށް އެދިފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

ނަމަވެސް ފޭނުން ބޭނުންވީ އާރިއާނާ އަވަހަށް ރަނގަޅުވުމަށެވެ. އަދި ރަނގަޅަށް ރެސްޓުކޮށް ބަލައިގެން އުޅުމަށް ފޭނުން އެދުނެވެ.

ގާތްގަނޑަކަށް 40 އެއްހާ ފޭނުން އެކީގައި ލެކްސިންޓަންގައި ވަގުތު ހޭދަކުރާތީ އާރިއާނާ އެމީހުންނަށް ފޮނުވާލީ ހަދިޔާއެކެވެ. އެއީ ރޫޕް އެރީނާ ކައިރީގެ ރެސްޓޯރެންޓަކުން ހުރިހާ ފޭނުންނަށް މެންދުރުގެ ކެއުމުގެ ހަރަދުތައް ދެއްކުމެވެ.

އެކަމާ ގުޅިގެން އާރިއާނާގެ ހުރިހާ ފޭނުން ވަނީ އާރިއާނާއަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް