މާލޭ އެނެކްސް ޖަލު1 މަރާމާތަށް ފަހު އަލުން ހުޅުވައިފި

މާލޭ އެނެކްސް ޖަލު 1 މަރާމާތަށް ފަހު ހޯމް މިނިސްޓަރު އަލުން ހުޅުވައިދެެއްވަނީ---- ފޮޓޯ: ހޯމް މިނިސްޓްރީ

މާލޭ އެނެކްސް ޖަލު 1 މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން އަލުން ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

މާލޭ ޖަލު އެނެކްސް އަލުން ހުޅުވި އިރު އެތަން މިދިޔަ އޭޕްރީލް މަހުން ފެށިގެން ހުރީ ބަންދުކޮށްފަ އެވެ. ނަަމަވެސް ޢޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން އެތަނުގައި މީހުން ބަންދުކުރަމުންދާތީ ހިއުމަންރައިޓްސް ކޮމިޝަން އޮފް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އެކަން ނުކުރުމަށް ވެސް އެންގި އެވެ. އެފަދަ މައްސަލައެއް ފެންމަތިވުމުން އޭގެ ދިފާއުގައި ކަރެކްޝަންސް އިން މިދިޔަ ސެޕްޓެމްބަރު މަހު ބުނީ އެތަނުގައި މީހުން ތިއްބީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އެ ގައިދީންނަށް ނުފުރުމުން ކަމަށެވެ.

އެޗްއާރުސީއެމް އިން މީގެ ކުރިން ބުނީ އެ ޖަލަކީ ގައިދީން ތިއްބަން ރައްކާތެރިތަނެއް ނޫން ކަމަށާއި އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމުގެ އިތުރުން ގޮޅިތައް ސާފުތާހިރު ނޫންކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ އެނެކްސް ޖަލު މަރާމާތަށް ފަހު އަލުން ހުޅުވީ އިންސާނީ ކަރާމާތާއި، ޝަރަފާ އެކަށީގެންވާ މިންވަރަކަށް ހާލަތު ބަދަލުކުރުމަށް ފަހު ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެތަނުގައި ކުރިން 17 މީހުން ބަންދުކުރި ނަމަވެސް ދެން އެތަނުގައި ދެން ގިނަވެގެން ބަންދުކުރާނީ 10 މީހުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރު ހަވާލުވުމަށްފަހުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަން ނުވަތަ ޖަލުތަކުގެ ހާލަތު އިންސާނީ ކަރާމަތާ ޝަރަފާ އެކަށީގެންވާ މިންވަރަކަށް ގެނައުމަށް ޓަކައި ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިނިންމާލެވުނީ އެއް މަސައްކަތެއްކަމަށެވެ.

"ފެންވެރުމާއި ފާހާނާ ކުރުމުގެ އިންތިޒާމް އެހުރީ އެކަށީގެންވާ ފެންވަރުގެ ރަނގަޅު ފެންވަރަކަށް ގެންދެވިފައި. ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފައި.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން މިތަނުގައި މީހުން ބައިތިއްބަން ފެށުމުން ފަތިހު ފަހެއް ޖަހާއިރު ބޭރަށް ނެރުމަށް ފަހު ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެނެކްސް 1 އަލުން ހުޅުވުމާ އެކު އެތަނުގެ ޕްލޭން ގައިދީންނަށާއި، އޮފިސަރުންނަށް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެޕްލޭންގައި ގައިދީންނާ މެދު އަމަލުކުރެވޭނެ އުސޫލުތަކާއި ގައިދީން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ޝަކުވާ ހުށައަޅާނެ ގޮތްތަކާއި ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ގާނޫނީ މާއްދާތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް