އޭލެވެލް ފެންވަރުގެ އެހެން އިމްތިހާންތައް ރާއްޖެއަށް ތައާރަފްކުރަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

އޭލެވެލް ފެންވަރުގެ އެހެން އިމްތިހާންތަކެއް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "ސަން" އަށް ވިދާޅުވީ ވޮކޭޝަނަލް، ޓެކްނިކަލް އަދި އެކަޑެމިކް މާއްދާތައް އެކިއެކި ދާއިރާތަކުން ރާއްޖެއަށް ތަޢާރުފްކުރަން ބޭނުން ވާކަމަށެވެ. އަދި މިފަދަ މާއްދާތަކުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓްތައް ލިބޭނެ، އިމްތިހާންތައް ދިނުމަށް އެކިއެކި އެގްޒަމިނޭޝަން ބޯޑުތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޕިއާސަން އާއިއެކު މަޝްވަރާތައް މިހާރުވެސް ވަނީ ފަށާފައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ޕިއާސަން އަކީ އެކި ދާއިރާތަކަށް އެކި ތަންތަނަށް ބޭނުންވާ ގޮތަށް ކަރިކިއުލަމް ޑިޒައިން ކޮށްދިނުމުގައި ފަންނީ އެހީތެރިކަން ދީ އެކަންކަމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އުފެއްދުމަށް އެހީތެރި ވެދޭ ފަރާތެކެވެ.

އެހެންކަމުން ރާއްޖޭގައި މުޅިން އަލަށް ޖޫނިއާ ކޮލެޖުތައް ހަދާއިރު، އެތަންތާގައި ކިޔަވައިދޭނެ ކަރިކިއުލަމް އުފައްދާ ރާއްޖެއަށް ބޭނުންތެރި ދާއިރާތަކުގެ މާއްދާތައް މި ކޮލެޖްތަކުގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަކީ، ގިނަ ޓޫރިސްޓުން އަންނަ ގައުމެއް ކަމަށްވާ ޖަރުމަނު ވިލާތް، އިޓަލީ ވިލާތް، ފަރަންސޭސި ވިލާތް އަދި ޗައިނާ ފަދަ ގައުމުތަކުގެ ބަސްތައްވެސް ދަރިވަރުންނަށް އުނގަންނާ ދޭން ވަނީ ރާވައިފަ އެވެ. އަދި މި ބަސްތައް ދިވެހީންނަށް ދަސްވުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަރައްގީކުރުމަށް ލިބިގެންދާނެ ބޮޑު ބާރެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް