ސަލަފުން ޓެރަރިޒަމަށް ހިތްވަރެއް ނުދޭ، އުވާނުލާތި: ޕީޕީއެމް-ޕީއެންސީ

އިދިކޮޅުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ

ޖަމިއްޔަތުއް ސަލަފުން ޓެރަރިމްއަށް ހިތްވަރު ނުދޭކަމަށް ބުނެ، އެ ޖަމިއްޔާއާ އުވާލަން ކުރާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފައެވެ.

އިިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަލަފަކީ ރާއްޖޭގައި އިސްލާމްދީނުގެ ޝިއާރު އުފުލައި ދީނީ ހޭލުންތެރިކަން އެންމެ ބޮޑަށް ފަތުރަން މަސައްކަތް ކުރަމުންދާ އެއް ޖަމިއްޔާ ކަމަށެވެ. އަދި އެ ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ އެއްވެސް ސާބިތު ނުހިފޭ ވާހަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ހުއްޓާލުމަށް އެ ކޯލިޝަނުން ގޮވާލިއެވެ.

ޖަމިއްޔަތުލް ސަލަފު އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ސުލްހަވެރިކަމާއެކު ގާނޫނުތަކަށް ބޯލަނބައިގެން ހިންގަމުންދާ ޖަމިއްޔާތަކަށް ހުރަސް އެޅުމަކީ އެމްޑީޕީގެ އެޖެންޑާއެއް ކަމަށް ކޯލިޝަނުން ބުންޏެވެ. އަދި ގާނޫނާ ހިލާފު، "ލާދީނީ" ފިކުރު ފަތުރާ އެމްޑީއެން ފަދަ ޖަމިއްޔާތަކަށް ފުރުސަތު ފުޅާކޮށްދިނުމަކީވެސް އެމްޑީޕީގެ ރޭވުމުގެ ބައެއް ކަމަށް ކޯލިޝަނުން ބުންޏެވެ.

"ރައީސް ނަޝީދަކީ ލާދީނީ ކަންކަން ފެތުރުމަށް ރައީސް ސޯލިހު ބޭނުންކުރާ ޓޫލްއެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ. މިކަންކަމާ ދެކޮޅަށް ރައީސް ސޯލިހަށް އެއްޗެއް ވިދާޅުވަން ކެރިވަޑައިނުގަންނަވާތީ މި ކޯލިޝަނުން ނިހާޔަތަށް ކަންބޮޑުވަމެވެ،" ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ސަލަފުން ކުރަމުންދާ މަސައްކަތް ކުރުންމަތީ ދެމިތިބުމަށް ހިތްވަރުދީފައެވެ. އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ ޖަމިއްޔާތަކަށް ހިތްވަރުދިނުމުގެ ބަދަލުގައި މިއަދުގެ ސަރުކާރުން އެ ޖަމިއްޔާތަކާ މެދު އަމަލުކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށްވެސް ކޯލިޝަނުން ބުންޏެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަރުކާރުގެ ތެރޭގައި ހުރެގެން އެކަމަށް ބާރުދޭކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

https://sun.mv/127612

ސަލަފް ޖަމިއްޔާ އުވާލަން އުޅުމަކީ ސަލަފް ޖަމިއްޔާގެ އިތުރުން ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށާއި، އިސްލާމްދީނަށާއި، ދިވެހި ރައްޔިތުންނަށްވެސް ދެވޭ ހަމަލާއެއް ކަމަށްވެސް ޕީޕީއެމް-ޕީއެންސީއިން ބުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ، ރައީސް ނަޝީދު ވިދާޅުވީ، ސަލަފު ޖަމިއްޔާއަކީ ޓެރަރިޒަަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުން އެނގޭ ކަމަށެވެ. އެ ކޮމިޓީއިން މިއަދު ވަނީ ސަލަފަށް ފިޔަވަޅު އަޅަން ނިންމައިފައެވެ. އަދި މިއަދު މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ސަލަފު އުވާލަންވެސް ގޮވާލައިފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ޖަމިއްޔަތުލް ސަލަފުން ޑރ. އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް އެދި ނެރުނު ގަރާރެއް ހިމަނައިފައެވެ. އެ ރިޕޯޓުން އެކުލަވާލާފައި ވަނީ ސަލަފުގެ އަމަލުތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ޑރ. އަފްރާޝީމް މަރާލަން ހިތްވަރު ލިބުނުކަމަށް ދޭހަވާ ގޮތަކަށެވެ.

އެކަމާ ގުޅޭ ގޮތުން ޖަމިއްޔަތުލް ސަލަފުން މިއަދު ބުނީ، އެ ޖަމިއްޔާއާ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅުމެއް ނެތްކަމަށް ކޮމިޝަނުން ނެރުނު ރިޕޯޓުން އެނގޭ ކަމަށާއި އެ ރިޕޯޓުގައި ސަލަފުގެ ވާހަކަ ހިމަނާފައިވަނީ ސިޔާސީ އަދުއްވުން ނުބައި އެޖެންޑާއެއް ހާސިލުކުރަން ކަމަށެވެ.

comment ކޮމެންޓް