ސަރަހައްދުތަކަށް ބަލާފައި ސްޓޫޑެންޓް ލޯނު ލިބޭގޮތަށް ބަދަލުކުރާނަން: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރު ޚަދީޖާ އާދަމް --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މިހާރުވެސް ދެމުން ގެންދާ ސްޓޫޑަންޓް ލޯނުގެ ފުރުސަތުތައް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަރިވަރުންނަށް ލިބޭ ގޮތް ފަހިވާނެހެން ބަދަލުކުރައްވާނެކަމަށް މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޑައިގެން، މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފަސް އަހަރުގެ ތެރޭގައި އެކި ބުރު ބުރަށް ލނު ދިނަސް ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނިސްބަތްވާ ކުއްޖަކަށް ލޯނު ލިބުމުގެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.

"އެއީ މިހާރު އަަމަލުކުރަމުންދާ އުސޫލުން ނުވަތަ މެރިޓް ޕްރަޔޯރިޓީ އުސޫލުގެ ދަށުން އޮންނަ ކަންތައްތަކުގެ ތެރެއިން ވަކި އަތޮޅަކަށް ނިސްވަތްވާ ކުއްޖަކަށް ލޯނު ނުލިބި ހިނގައިދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން އަމަލުކުރި އުސޫލުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ނިސްބަތްވާ ކުއްޖަކަށްވެސް ލޯނު ލިބުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުންވާ ކަމަށެވެ.

"އެހެންވީމާ އެ އުސޫލަށް އަޅުގަނޑުމެން ބަދަލު ގެންނާނަން. އަޅުގަނޑުމެން ގަބޫލުކުރަނީ އެއީ އަޅުގަނޑުމެންނަށް އޭރުން މާ އިންސާފުވެރި ގޮތެއްގައި އެގޮތަށް ބަދަލުކޮށްގެން ކުރެވޭނެކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރި ލޯނު ސްކީމްގެ ދަށުން މައުލޫމާތު ފުރިހަމަ ނުވާކަމަށް ބުނެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނެއް ނުލިބުނެއެވެ. ނަމަވެސް ފަހުން ވަނީ އަލުން އާ ފުރުސަތުތަކެއް ހުޅުވާލައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ލިބޭނެގޮތް ހަދައިފައެވެ.

ދާދި ފަހުން މިނިސްޓްރީން ވަނީ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރާއި ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކޯޕަޜޭޓް ސްކޮލާޝިޕް ސްކީމުގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފްކޮށްފައެވެ. އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހު ހުޅުވާލާގޮތަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް