އެންސިސްގެ މަސް ކާރުހާނާ ހުޅުވަނީ، 400 ވަޒީފާގެ ފުރުސަތު

އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އާ ކޭނިން ފެކްޓްރީއާއެކު 400 އަށް ވުރެ ގިނަ އާ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެންސިސް އިން ބުނީ އެންސިސް ކޭނިން ފެކްޓްރީ ހުޅުވުމާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު އޯޕަންޑޭ އެއް ބާއްވަން ނިންމާފައިވާ ކަމަށާއި މި އޯޕަންޑޭ ގައި ފެކްޓްރީގައި ހުރި ތަފާތު ވަޒީފާތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އެންސިސް އިން ގާއިމްކުރި ފެކްޓްރީ އަށް 25 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. މި ފެކްޓްރީ ގައި ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދު ކުރެވޭނެ އެވެ.

އެ ކުންފުނިން ބުނީ އާ ފެކްޓްރީގައި ފިނިމަސް ރައްކާކުރުމަށް 1200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ގާއިމް ކޮށްފައިވާނެ ކަމަށެވެ. މީގެއިތުރުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސްޕްލާންޓަކާއި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ފިޝްމީލް އުފެއްދުމަށް ހާއްސަ މެޝިނަރީސްވެސް މި ފެކްޓްރީގައި ވަނީ ގާއިމްކޮށްފައެވެ.

މިއީ މާލެ ސަރަހައްދުގައި ގައިމްކުރާ ފުރަތމަ ދަޅުމަސް ބަންދުކުރާ ފެކްޓްރީއެވެ. މި ފެކްޓްރީ އާއެކު ދަޅުމަސް ބަންދުކުރެވޭ އަދަދު އިތުރުވެ، ރާއްޖޭގައި އުފައްދާ ދަޅުމަސް ޔޫރަޕަށް ބޭރުކުރުން އިތުރުވާނެ ކަމެއް ކަމަށް އެންސިސް އިން ބުންޏެވެ.

އެނސިސް އިން ބުނީ މި ފެކްޓްރީއާއެކު އާންމުންނަށް ދަޅުމަސް ލިބޭ އަގުވެސް ހެޔޮވާނެ ކަމަށެވެ.

އެންސިސްގެ އޯޕަންޑޭ ބާއްވަނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާވެސް އެކުއެވެ. ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ފެކްޓްރީގައި ބާއްވާ އޯޕަންޑޭ ހަރަކާތްތައް ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހުގެ ހަވޫރި ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށެވެ.

މި އިވެންތުގައި ފެކްޓްރީ ދައްކާލުމުގެ ހަރަކާތަކާއި ބޮޑުބެރުގެ ހަރަކާތްތައް އަދި ހާއްސަ ގުރުއަތުލުމެއްވެސް ކުރިއަށް ގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް