އަތޮޅު ކައުންސިލްގެ ރައީސްއަށް ކިޔާނީ؛ މޭޔަރުތަ؟ އަތޮޅުވެރިޔާތަ؟

މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި: ލާމަރުކަޒީ ނިޒާމުގެ އިސްލާހުގެ ބިލް ކުރިއަށް ގެންދަނީ މުޅި މަޖިލީހުގެ ކޮމިޓީއިން -- ފޮޓޯ/ މަޖިލިސް

މިހާރު އަތޮޅު ކައުންސިލްގެ ރައީސްގެ ނަމުން ދީފައިވާ ނަމަށް ބަދަލު ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސަކަށް ގޮސްފި އެވެ.

ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ބަދަލުކޮށް ކައުންސިލުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓުން ހޮވާ ގޮތަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ސަބް ކޮމިޓީއަކުން ދިރާސާކޮށް ނިންމައި މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލާ ބެހޭގޮތުން ބަހުސްކޮށްފަ އެވެ.

މިއަދު އެންމެ ބޮޑު ބަހުސެއް ކުރެވުނީ އަތޮޅު ކައުސިލުގެ ވެރިމީހާއަށް އިންތިހާބު ކުރާ މީހަކަށް ކިޔާނެ ނަމަކާ މެދު އެވެ. ބައެއް މެމްބަރުން އަތޮޅުވެރިޔާ ކިޔަން ހިޔާލު ހުށަހެޅިއިރު އަނެއްބައި މެމްބަރުންނަށް އަތޮޅުވެރިޔާ މި ނަން ވީ، ބިރުވެރި ނަމަކަށެވެ. މިހާރުވެސް ކިޔާ ގޮތަށް އަތޮޅު ކައުންސިލުގެ ރައީސް ކިޔަންވެސް ބައެއް މެމްބަރުން ހިޔާލު ހުށަހެޅި އެވެ. އަދި މޭޔަރު ކިޔަންވެސް ހިޔާލު ހުށަހެޅި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ސިޓީ ކައުންސިލުތަކުގައިވެސް މޭޔަރުން ތިބޭ ގޮތަށް އަތޮޅު ކައުންސިލުގައި ރައީސްގެ ބަދަލުގައި މޭޔަރު އެ ނަމުން މުހާތަބު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް --- ފޮޓޯ/ މަޖިލިސް

"އޭރުން ހުރިހާ އަތޮޅެއްގައިވެސް އެއް މޭޔަރު ހުންނާނެ. އަދި ބޮޑެތި ސިޓީތަކުގައި އެއް މޭޔަރު ހުންނާނެ. މުޅި ނަންތައް އެއް ޔުނިފޯމަކުން ދާނެ." މެމްބަރު ތޯރިގު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޒަމާނުއް ފެށިގެން އަތޮޅުތަކުގައި ތިއްބަވާ ވެރިންނަސް ކިޔަނީ އަތޮޅުވެރިން ކަމަށެވެ. އޭގެ އިތުރުން ހަތަރު އަތޮޅުގެ ނައިބެއް އޭރު ހުންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މޭޔަރުން ކިޔުމުގެ ބަދަލުގައި އަތޮޅުގެ ރައީސް ނުވަތަ އަތޮޅުވެރިޔާ ކިޔުން ރަނގަޅު ކަމަށެވެ. އާންމުކޮށް މޭޔަރުން ތިއްބަވަނީ ސިޓީތަކުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު -- ފައިލް ފޮޓޯ/ މަޖިލިސް

ހުޅުމާލޭ ދާއިރާގެ މެމްބަރުން އަލީ ނިޔާޒު ވިދާޅުވީ އަތޮޅު ކައުންސިލުގެ ރައީސަށް ޒަމާނުއްސުރެ ކިޔާ އުޅުނީ އަތޮޅުވެރިޔާ ކަމަށެވެ. އެގޮތަށް ބަދަލު ގެނައުމަށް އަލީ ނިޔާޒު ވަނީ ހުށަހަޅުއްވާފަ އެވެ. އަލީ ނިޔާޒުގެ ވާހައަށް ރައީސް ނަޝީދު ތާއީދު ކުރެއްވި އެވެ. ވިދާޅުވީ އަތޮޅުވެރިޔާ ކިޔުމަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ ކަމަށެވެ.

"އަތޮޅުވެރިޔާ" ބިރުވެރި ނަމެއް

އަތޮޅު ކައުންސިލުގެ ވެރިއަކަށް އިންތިހާބު ކުރާ މީހަކަށް އަތޮޅުވެރިޔާ ކިޔަން ބައެއް މެމްބަރުން ފާޅުގައި ދެކޮޅު ހެދި އެވެ. އަތޮޅުވެރިންނަކީ ޒަމާނުއްސުރެ ނުފޫޒު ގަދަ ހުދުމުހުތާރު ވެރިކަމެއް ހިންގި ބައެއްގެ ގޮތުގައި ސިފަވެފައި އޮންނަކަން މެމްބަރުން ފާހަގަ ކުރި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ މީގެ ކުރިން ދިވެހި ރައްޔިތުންނަށް އަތޮޅުވެރިން ސިފަވެފައި އޮތީ ބިރުވެރި ގޮަތަކަށް ކަމަށެވެ. އެހެންވެ އަތޮޅުވެރިޔާ ކިޔަން ކަންބޮޑުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މީތި ބަދަލުވެގެން ދާއިރުގައި ރައްޔިތުންނަށް މި ތަންކޮޅެއް ތާޒާކަންމަތީގައި އަންނާނެ ގޮތަކަށް އޮންނަން ޖެހޭނީ. އަޅުގަނޑަށް އެއަށްވުރެ މާ ރަނގަޅު ގަވަރުނަރު ކިޔަސް. އެކަމަު އަތޮޅުވެރިޔާ ކިޔަން އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭ." މެމްބަރު ޝަހީމް ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް --- ފޮޓޯ/ މަޖިލިސް

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އަތޮޅުވެރިންގެ ފަލްސަފާއަކީ ވަރަށް ބޮޑަށް ނޫނެކޭ ބުނެފައިވާ ފަލްސަފާއެއް ކަމަށެވެ. އަތޮޅެރިން އަތޮޅުވެރިކަން ކުރި ގޮތުގެ ނާމާން ބިރުވެރި ކަމަކީ ދިވެހި ރައްޔިތުން "އެނަމަށްވެސް ނަފްރަތު ކުރާ ނަމެއް" ކަމަށެވެ.

"އަޅުގަނޑަށް ހަމަ އޮތުން އެންމެ ރަނގަޅީ އަތޮޅު ކައުންސިލުގެ ރައީސް މިގޮތަށް މިހެން. އެހެންނުވެ އަތޮޅުވެރިޔާ ކިޔައިފި ކަމަށް ވާނަމަ ހުރިހާ ބާރެއް އަންބޮނޑިއަށް ޖަހާ ރައްޔިތުންނަށް ނިކަމެތިކަން އަންނާނެ ކަމަށް އަޅުގަނޑު ދެކެނީ." އަނދުން ހުސައިން ވިދާޅުވި އެވެ.

އަނދުން ހުސައިންގެ ވާހަކަފުޅަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ "މެމްބަރު ހުސައިން ޝަހީމްގެ ބައްޕާފުޅަކީވެސް އަތޮޅުވެރިއެއް" ކަމަށެވެ.

"އަޅުގަނޑުމެންވެސް ހަމަ ބިރުގަނޭ އިނގޭތޯ. ހަވީރު ސަޔަށް ހެނދުނު ސަޔަށް ސައިގައި ތިބޭއިރު އަތޮޅުގޭގައި. އެއްކައިރީގައި ހަމަ އަނދަގޮނޑި ޖަހާފައި މީހަކު ބައިންދަ ފާނެ. އަތޮޅުވެރިއަކަށް މި ހުންނަނީ އަޅުގަނޑުމެން މީހެއްގެ ކާފައޭ. އެހެންވެ ސައިބޯން މި އިންނަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު މުޅި މަޖިލީހުގެ ކޮމިޓީ ވަގުތު ހަމަވިއިރުވެސް މެމްބަރުން ތިބީ އެ ބަހުސްގަ އެވެ. މިއަދު އަދި ގޮތެއް ނުނިންމެ އެވެ.

comment ކޮމެންޓް