ކެލާއިން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ހއ. ކެލާ --

ހއ. ކެލާ އިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.

ކެލާ ކައުންސިލުން ހޯމަ ދުވަހު ކުރި އިއުލާނެއްްގައި ބުނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކެލާ އިން ދޫކުރަން ނިންމާފައިވަނީ 68 ގޯއްޗެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 115 މީހަކު ކުރިމަތިލީކަމަށް ކެލާ ކައުންސިލުން ބުންޏެވެ.

ކެލާ ކައުންސިލްގެ ނައިބު ރައީސާ އާމިނަތު އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ އެ ރަށުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެދާނެ ކަމަށެވެ.

"ދެހާސް އަށެއް ނޫނީ 2009ގައި އެންމެ ފަހުން ގޯތި ދޫކުރީ. ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއްވީމާ ގެދޮރުގެ ދަތިކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ކެލާގެ އާބާދީ 2600 އަށް ވުރެ މަތީގައި އުޅޭއިރު އެރަަށުގައި ގޯތި ދޫކުރުމަށް ބިން އެބައޮތްކަމަށް ކައުންސިލްގެ ނައިބު ރައީސާ ވިދާޅުވި އެވެ.

ކެލާއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާނީ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތަކަށް ބެލުމަށްފަހު އެވެ.

comment ކޮމެންޓް