ދަތުރުތަކަށް ދިން ބަޖެޓަށް ވުރެ 36.8 މިލިއަން އިތުރަށް ޚަރަދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާ ބޯޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

މި އަހަރުގެ ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ 36.8 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރަށް ފާސްކުރި ބަޖެޓުން ސަރުކާރުގެ ދަތުރުތަކަށް ދީފައި ވަނީ 142.1 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ނޮވެމްބަރު 14 ވަނަ ދުވަހާ ހަމައަށް ދަތުރުތަކަށް 178.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

ދަތުރުތަކަށް ދިން ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރި ނަމަވެސް، ބައެއް އެހެން ދާއިރާތަކަށް ކޮށްފައިވާ ޚަރަދުތައް ވަނީ މަދުވެފަ އެވެ.

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި އެއް ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ބޭނުންކޮށްފައި ވަނީ 976.2 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ސަބްސިޑީ ދިނުމަށް ކަނޑައެޅި 1.2 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ބޭނުންކޮށްފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ސަރުކާރު މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ދިނުމަށް ކަނޑައެޅި 4.3 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ބޭނުންކޮށްފައި ވަނީ 3.8 ބިލިއަން ރުފިޔާ އެވެ.

މި ހިނގާ 2019 ވަނަ އަހަރަށް ފާސްކުރި 31 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް 22 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

comment ކޮމެންޓް