ރިޕޯޯޓް ސައްހަތޯ ބަލަން މަރު ކޮމިޝަންގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން އެދެފި

ޝިޔާމް: އެނާ ވަނީ މަރު ކޮމިޝަން މަޖިލީހަށް ހާޒުރުކުރުމަށް އެދިފައި --- ފޮޓޯ / މަޖިލިސް އިދާރާ

ގެއްލުވާލެވިފައިިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ ތަހުގީގު ރިޕޯޓު ސައްހަތޯ ބެލުމަށް އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް އެދިވަޑައިގެންފި އެވެ.

ޑރ. އަފްރާޝީމް މަރުގެ ތަހުގީގު ނިންމައި ރިޕޯޓް އެ ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހާ ހިއްސާ ކުރައްވާފަ އެވެ. މިދިޔަ އާދިއްޔަ ދުވަހު ރައީސް އޮފީހުން ވަނީ އެ ރިޕޯޓު އަންމުކޮށްފަ އެވެ. ރިޕޯޓުގައި ބުނެފައިވަނީ، އަފްރާޝީމް މަރާލާފައިވަނީ ދީނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދީނީ ގޮތުން ހައްދުފަހަނަ އެޅި ބަޔަކު ރާވައިގެން ކަމަށެވެ.

މިއަދު މަޖިލިސް ޖަލްސާގެ ތެރެއިން ނިޒާމީ ނުކުތާއެއް ނަންގަވާ ޝިޔާމް ވިދާޅުވީ، އަފްރާޝީމްގެ މަރުގެ މައްސަލަ ވަކި މިސްރާބަކަށް އަމާޒުކޮށް، މަޖިލީހުން ވަކި ބަޔެއްގެ ބޮލުގައި އެ މަރު އެޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިއަދު މަޖިލީހުގައި އެދެން މިއަދު ކޮމިޝަންގެ ފަސް މެމްބަރުން ހާޒިރުކޮށް އެ ރިޕޯޓަކީ ފަސް މެމްބަރުން ނެރުއްވި ރިޕޯޓެއްތޯ ސުވާލު ކުރުމަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ރިޔާސަތުން ބޭނުންވާ ގޮތަށް ބޮޑެތި މައްސަލަތަކުގައި އަމިއްލަފުޅަށް އެއީ ރައްޔިތުން ބޭނުންވާ ގޮތްކަމަށް ދޭހަވާ ގޮތަށް ނިންމުންތައް ނިންމަމުންދާ ކަމަށެވެ.

ޝިޔާމް އެގޮތަށް އެދިވަޑައިގަތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރު ޝިޔާމް މަރު ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން އެދިވަޑައިގަންނަވާ ނަމަ އެ މެމްބަރުން ހާޒިރު ކުރައްވާނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރަށް އެ ރިޕޯޓުގައިވާ މައުލޫމަތަކީ ސައްހަ މައުލޫމަތު ކަމަށް ޝައްކު ކުރެވޭ ނަމަ، އިއްޒަތްތެރި މެމްބަރާ އެއް ވަރަަކަށް އަޅުގަނޑުވެސް ބޭނުންވާނެ އެ މައުލޫމަތު އެއީ ސައްހަ މައުލޫމާތުތޯ ކަށަވަރު ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އިއްޒަތްތެރި މެމްބަރު އެދިވަޑައިގަންނަވާ ނަމަ، އެ ފަސް ބޭފުޅުންނާއި އަދި އޭގެ އިތުރު ފަސް ބޭފުޅުންވެސް މިތަނަށް ގެންނަވާގެން އަޅުގަނޑުމެން އެކަން ސާފުކުރަންވީ."

ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން ޝިޔާމް އެދިވަޑައިެގެންވިއިރު، މަޖިލީހުގެ އިއްޔެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓަކީ، ފަސް މެމްރުންގެ ތާއީދާއެކު ނެރުނު ރިޕޯޓެއް ނޫން ކަމަށެވެ. އަދި އެކަން ސާފު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމަތު ލިބޭނީ ކޮމިޝަންގެ އަގުލަބިއްތަކުން ނޫންކަން އެ ރިޕޯޓު ނެރެފައިވަނީ. ދެ ބޭފުޅުންގެ ނިންމުމެއްގެ މައްޗަށްކަން ރިޕޯޓު ނެރުފައިވަނީ. މިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދެއްވަން އެ ބަޖެހޭ،" އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.

"ބޭނުންވާ ގޮތަށް މިސްރާބު ބައްދަލުކޮށްލާފައިވާ ކަމަށް. އަދި ބައެއް ބޭފުޅުން [ކޮމިޝަންގެ ބައެއް މެމްބަރުން] އިސްތިއުފާ ދެއްވަން މަސައްކަތް ކުރެއްވި ކަމަށްވެސް މައުލޫމަތު ލިބިފައިވޭ،"

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖޭގައި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމާގުޅިގެން އެމީހުންނަށް ތަބާވާ "މުޅިން ތަންދޮރު ނުފިލާ" މީހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ކަމަށެވެ. އަފްރާޝީމް މަރާލަން ރޭވުމުގައި އިސް މޭސްތިރިޔަކީ، ހ. ހިލްޓަން އަޒްލިފް ރައޫފް ކަމަށާއި އަމަލީ ގޮތުން ބައިވެރިވީ، ހ. ލޮބީ ހުސައިން ހުމާމް އާއި ހ. ހެކޯސްޓް، އަލީ ޝާން (ސަޓޯ) އަދި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ރިޕޯޓުގައި ހުރި ކަންކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ. ރިޕޯޓާ ގުޅޭގޮތުން ހަތް ކަމެއް ބަލަން ނިންމައި އެ ކޮމިޓިން ވަނީ އެ މަސައްކަތް ސަބް ކޮމިޓީއާ ހަވާލުކޮށްފަ އެވެ. އަދި ރޭ ސަބް ކޮމިޓީގެ ރިޕޯޓު ފައިނަލްކޮށް، މިއަދު މައި ކޮމިޓީން އަންނަނީ އެ ރިޕޯޓް ދިރާސާ ކުރަމުންނެެވެ.

https://sun.mv/127506

comment ކޮމެންޓް