ފަނޑިޔާރު ޣަނީގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއިން ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ސުލޫކީ މައްލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީއިން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައިވެ އެވެ.

'ސަން' އަށް ވަނީ އެމައްސަލައާ ގުޅޭ ލިޔުންތަކެއް ލިބިފަ އެވެ. ލިޔުންތަކުގައި ވާގޮތުން ފަނޑިޔާރު އަބްދުލްޣަނީ ވަނީ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެއްގައި އެތަނުން އެކަކުގެ މައްސަލައިގެ ފައިލް ވަކި އެއްޗެއް ނާންގާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބާއްވާފަ އެވެ.

"މައްސަލަ ހައިކޯޓުގައި އޮންނަކަން އެނގުނީ އަލަށް ފާސްކުރެވުނު ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ހައިކޯޓުގެ އިސްފަނޑިޔާރެއްގެ ގޮތުގައި އާމީހަކު ހަމަޖެހުމުން ކުރީގެ އިސްފަނޑިޔާރު އަބްދުލްޣަނީ އަލަށް އިސްކުރެވުނު ފަނޑިޔާރާ ހަވާލުކުރި އެކިއެކި ލިޔެކިޔުންތަކުގެ ތެރޭގައި އެމައްސަލަވެސް އޮތުން." އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވަނީ އެމައްސަލާގައި ދައުވާ ލިބޭ އަންހެން ކުއްޖާއަށް ހައިކޯޓުން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަބްދުލްޣަނީއާ ގާތް ގުޅުމެއް އޮތް ކަމަށެވެ.

ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގަ އެވެ،

ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކެކެވެ.

comment ކޮމެންޓް