ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށް ގެންދިޔަ ޓެކްސްޓާޒް ސްޓާޓްއަޕް ވީކެންޑް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
މި މަހުގެ 15 ވަނަ ދުވަހު 51 ބައިވެރިންނާ އެކު ފެށި ސްޓާޓްއަޕް ވީކެންޑް އަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ހަރަކާތެކެވެ. މިއީ ޖެހިޖެހިގެން ސްޓާޓަޕް ވީކެންޑް ބޭއްވި ދެވަނަ އަހަރެވެ.
މި ހަރަކާތުގައި މި އަހަރު ބައިވެރިންގެ ފަރާތުން 30 ހިޔާލު ހުށަހެޅި އިރު، 11 ސްޓާޓްއަޕް ހިޔާލެއް ހޮވައި، ގްރޫޕްތަކަށް ވަނީ ބަހާފަ އެވެ. އެ ގްރޫޕުތަކަށް ވަނީ ކަސްޓަމާ ވެލިޑޭޝަން އާއި ޕްރޮޓޯޓައިޕް ބިލްޑިން އާ ގުޅޭ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅާނެ ގޮތް ވަނީ ކިޔައިދީފަ އެވެ.
އަދި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި އަދި ދިރާގު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ވަނީ ދީފަ އެވެ. އަދ ހިއްސާކުރެވޭ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދީފައިވެ އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސްޓާޓްއަޕް ވީކެންޑުގެ އެއްވަނަ ހޯދީ "ބިގް ފިޝް" އެވެ. އެއީ މަސްވެރިންނަށް ހާއްސަ އޮންލައިން މާކެޓެކެވެ. އެ މާކެޓުގެ ބޭނުން މަސްވެރިކަމުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ހިފޭނެ އެވެ.
އެއާއެކު އެ ޓީމުގެ ހިޔާލު، ސްރީލަންކާގައި ބާއްވާ ޑިސްރަޕްޓް އޭޝިއާގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ވީކެންޑުގެ ދެވަނަ ހޯދީ "ދަ ސިޓާޒް ކްލަބް" އިންނެވެ. އެއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ބޭބީސިޓަރުން ގުޅުވައިދޭ ސްޓާޓްއަޕްއެކެވެ. ތިންވަނަ ހޯދީ "އަމްޕަޔާ" ކިޔާ ސްޓާޓްއަޕް އެކެވެ.
ވަނަތައް ހޯދި ތިން ޓީމަށް ވެސް ދިރާގު އިންޓަނެޓް ފޯ ބިޒްނަސް (ބިޒް ފައިބާ 100މ) ލިބިގެންދާއިރު އަންނަ އަހަރު ސްޕާކްހަބްގެ ފަރާތުން ބާއްވާ ސްޓާޓްއަޕް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މި އަހަރުގެ ފަނޑިޔާރުންގެ ޕެނަލްގައި ތިއްބެވީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް، މަރްޔަމް ވިސާމް، ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ޑިރެކްޓަރު މުހައްމަދު މުސާދު، އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް އަދި ޓެކް ޕްރޮފެޝަނަލްގެ ހާމިދު ޝަފީއު އެވެ.
ޓެކްސްޓާޒް ސްޓާޓްއަޕް ވީކެންޑަކީ ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުތަކުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މިހާތަނަށް 193،000 ބައިވެރިންނާއެކު 2،900 އަށް ވުރެ ގިނަ އިވެންޓު ބާއްވާފައި ވާއިރު މިއީ ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު އެއް ސްޓާޓްއަޕް ހަރަކާތެވެ.
ދިރާގުން ބުނީ އެ ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓްޕް ކަލްޗާ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށެވެ.