އަރަބިންނާ ދެކޮޅަށް ނަތަންޔާހޫ ދެއްކެވި ވާހަކަ އިސްރާއީލްގެ ރައީސް ކުށްވެރިކުރައްވައިފި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަ ރައީސް ރޫވެން ރިވްލިން ވަނީ ކުށްވެރި ކުރައްވާފައި -- ފޮޓޯ: ޖީޕީއޯ

ގުދުސް (ނޮވެމްބަރު 20): އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަރަބި މެމްބަރުންނާއި އެގައުމުގެ އަރަބި ރައްޔިތުންނާ ދެކޮޅަށް ދެއްކެވި ވާހަކަ، ރައީސް ރޫވެން ރިވްލިން ކުށްވެރި ކުރައްވައިފި އެވެ.

ރައީސް ރިވްލިން ބޮޑުވަޒީރަށް ފާޑު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ނަތަންޔާހޫގެ ލިކުދު ޕާޓީން ބޭއްވި ރެލީއެއްގައި އޭނާ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. އިސްރާއީލްގެ ގައުމީ ޓީވީން ދެއްކި އެރެލީގައި ނަތަންޔާހޫ ވަނީ އަރަބި ޕާޓީތައް ހިމެނޭ އެލަޔަންސް، އަރަބް ޖޮއިންޓް ލިސްޓުގެ މެމްބަރުން ބޭނުން ވަނީ އެގައުމު ނައްތާލަން ކަމަށާއި އަދި އެ އެލަޔަންސުން ބައިވެރިވާ ސަރުކާރެއް ވާނީ އިސްރާއީލަށް އޮތް ނުރައްކަލަކަށް ކަމަށް ވިދާޅުވެފަ އެވެ.

ނަތަންޔާހޫ އެފަދައިން ވިދާޅުވީ، އިސްރާއިލްގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް، އެސަރުކާރުގައި އަރަބި ޕާޓީތައް ޝާމިލު ކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެވެ.

ރައީސް ރިވްލިން ވިދާޅުވި ގޮތުގައި އެފަދަ ބަސްތަކުގެ ސަބަބުން އިސްރާއީލުގައި މިހާރު ވެސް އޮތް ބައިބައިވުން އިތުރަށް ގޯސްވެގެންދާނެ އެވެ.

"އިސްރާއީލަށް ހެޔޮ އެދޭ އެންމެން ވެސް މިފަދަ ހުތުރު ވާހަކަތައް ދެއްކުން ހުއްޓާލަން އަޅުގަނޑު އެދެން،" ރިވްލިން ވިދާޅުވި އެވެ.

ނަތަންޔާހޫ ދެއްކެވި ވާހަކައާ ގުޅިގެން އަރަބް ޖޮއިންޓް ލިސްޓުގައި އިސްކޮށް ހުންނަވާ މަޖިލިސް މެމްބަރު އައިމަން އޮޑާ ވަނީ ނަތަންޔާހޫ އުޅުއްވަނީ އެގައުމުގައި "ދާހިލީ ހަނގުރާމައެއް ފައްޓަވަން" ކަމަށް ވިދާޅުވެފަ އެވެ. އެ އެލަޔަންސުން ވަނީ އެމައްސަލަ އިސްރާއިލްގެ ގާނޫނު ހަދާ މަޖިލީހުގެ އެތިކްސް ކޮމިޓީއަށް ހުށަހަޅާފަ އެވެ.

އިސްރާއީލްގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވާލެވޭ ވަރަށް މަޖިލީހުން އަޣުލަބިއްޔަތެއް ނުލިބެ އެވެ. އަދި ރައީސް ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރެއްވީ ނަތަންޔާހޫއާ އެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމުގައި އޭނާ ނާކާމިޔާބުވުމުން، އެމަސައްކަތް ވަނީ ގަންޓްޒްއާ ހަވާލުކޮށްފަ އެވެ. އަދި މިރޭ 12:00 ޖެހުމުގެ ކުރިން ގަންޓްޒް އާ ސަރުކާރެއް އެކުލަވާލައްވަން ޖެހޭނެ އެވެ.

އިސްރާއީލުގައި ވަނީ މިދިޔަ އޭޕްރިލް މަހު ވެސް މަޖިލިސް އިންތިހާބެއް ބާއްވާފަ އެވެ. އެއިންތިހާބުގައި ލިކުދް ޕާޓީ އާއި ބްލޫ އެންޑް ވައިޓް ޕާޓީއަށްވެސް ލިބުނީ 35 ގޮނޑި އެވެ. އަދި ޔަހޫދީ ހަރުކަށި ފިކުރުގެ "ޔިސްރެއިލް ބެއިޓެއިން" ޕާޓީން ނަތަންޔާހޫގެ ޕާޓީއާ ގުޅި ކޯލިޝަން ހެދުމުން، އެކޯލިޝަނަށް ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލު ކުރެވުނެވެ.

ނަމަވެސް ސަރުކާރު އެކުލަވާލުމާ ބެހޭ އެއްބަސްވުމަކަށް ކޯލިޝަނަށް ނާދެވުމުން، އެގައުމުގެ ޕާލިމެންޓުން ފާސް ކުރީ ސެޕްޓެމްބަރު މަހު އާ އިންތިހާބެއް ބާއްވާށެވެ.

comment ކޮމެންޓް