ސިއްހީ ނޫން ގޮތަށް ފާޚާނަ ކުރުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު ހަތަރު ލައްކަ މީހުން މަރުވޭ: އދ.

ނިޔުޔޯކް (ނޮވެމްބަރު 20) : ސިއްހީ ނޫން ގޮތަށް ފާޚާނާ ކުރުމުގެ ސަބަބުންނާއި ފާޚާނާކޮށްފައި ރަނގަނޅަށް އަތް ނުދޮވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި ދުނިޔޭގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް އަހަރަކު 400،000 މީހުން މަރުވާ ކަމަށް އދ. އިން ބުނެފި އެވެ.

ބައިނަލްއަގްވާމީ ގޮތުން އިއްޔެ ފާހަގަކުރި ދުނިޔޭގެ ފާޚާނައިގެ ދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ރިޕޯޓްގައި ފާޚާނާކުރުމުގެ ސިއްހަތާ ގުޅިފައިވާ ބަލިތައް އާންމު ވުމުގެ ސަބަބުން ގައުމުތަކުގެ އުފެއްދުންތެރިކަން ދަށަށް ގޮސް އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަކޮށްފައިވެ އެވެ. އަދި ފާޚާނާ ކުރުމުގެ ސަބަބުންނާއި ފާޚާނާކޮށްފައި ރަނގަނޅަށް އޮތް ނުދޮވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި ގިނައިން މަރުވަނީ ކުޑަކުދިންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މި ދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި ފާޚާނާގެ ނިޒާމުގެ ހައްގުން އެންމެ ގިނަ ބަޔަކު މަހްރޫމްވެފައި ވަނީ އެއްގައުމަކަށް ބަލާއިރު އިންޑިއާގަ އެވެ. ރަށްފުށުގެ ހިސާބުތަކުގެ އިންފްރާސްޓަރކްޗާ އާދަޔާ ޚިލާފަށް ބަލިކަށި އިންޑިއާއަކީ އެގައުމުގެ ފަގީރު ފަންތީގެ މީހުންގެ ފާޚާނާއާއި ނަރުދަމާގެ ނިޒާމަށް ޒަމާނުއްސުރެ އިހުމާލުވެފައިވާ ގައުމެކެވެ. މިމައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް ގައުމީ ފެންވަރުގައި އިންޑިއާ ސަރުކާރުން ފަށާފައިވަނީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގަ އެވެ.

މޯދީގެ ބޮޑުވަޒީރު ކަމުގެ ފުރަތަމަ ދައުރުގެ އިންތިޚާބީ ކޭންޕޭންގައި 2014 ވަނަ އަހަރު އޭނާ ވަނީ އިންޑިޔާގައި ފާޚާނައިގެ ނިޒާމުން މަހްރޫމްވެފައިވާ އެންމެންނަށް ފަސް އަހަރު ތެރޭގައި އެނިޒާމު ގާއިމްކޮށްދީ ހާމަ ތަންތަނަށް ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުން ހުއްޓުވުމަށް ވައުދުވެ ވަޑައިގެންނެވި އެވެ. މޯދީގެ ފުރަތަމަ ދައުރުގައި މިކަމަށް ސަމާލުކަން ދީގެން އިންޑީއާގެ މައިސަރުކާރުން ބޮޑު މަޝްރޫއެއް ހިންގިނަމަވެސް އެމަޝްރޫއު ކާމިޔާބުވެފައެއް ނުވެ އެވެ. އަދި އެންމެންނަށް ފާޚާނައިގެ ނިޒާމު ފޯރުކޮށްދެވިފައިނުވާތީ ހާމަ ތަންތަނަށް ފާޚާނާ ކުރުމުގެ އާދަ އިންޑިއާގައި އަދި ވެސް އޮތީ ކުރީގައި އޮތްގަތާ ދާދިއެއްގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މޯދީގެ ފުރަތަމަ ދައުރުގައި އިންޑިއާގެ ފާޚާނާ ނެތް މީހުންނަށް 110 މިލިޔަން ފާޚާނާ އެގައުމުގެ އެކިކަންކޮޅުތަކުގައި ބިނާކުރި ނަމަވެސް ގިނަ ފާޚާތަކުގައި ފެންނެތި ފްލެޝް ނުކުރެވޭތީ އެތަންތަން ވަނީ ނުސާފު އަދި ބަލިފެތުރޭ ތަންތަނަށް ބަދަލުވެފައިކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއަހަރު ބޭއްވި އިންޑިއާގެ އާންމު އިންތިޚާބުގެ ކޭންޕޭންގައި މޯދީވަނީ އިންޑިޔާގައި ހާމަ ތަންތަނަށް ފާޚާނާކުރުން ހުއްޓިއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އިއްޔެ ފާހަގަކުރި "ދުނިޔޭގެ ފާޚާނައިގެ ދުވަހުގެ ޝިއާރަކީ އެކަކު ވެސް ބާކީނުކުރުމުގެ ޝިއާރެވެ. އިއްޔެ ދުނިޔޭގެ ފާޚާނާ ދުވަސް އދ. އިން ފާހަގަކުރި އިރު އަދި ވެސް ދުނިޔޭގެ އެކިގައުމުތަކުގައި 673 މިލިއަން މީހުން ފާޚާނާކުރަނީ ހާމަ ތަންތަނަށްކަން ފާހަގަކޮށްފައިވެ އެވެ. މިފަދަ ހާމަތަންތަނުގެ ތެރޭގައި ދަނޑުތަކާއި، ކޯރުތަކާއި ކަނޑުތަކުގެ އައްސޭރިއާ އެނޫން ވެސް ތަންތަން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު