މެލޭޝިއާގައި ނެޓްފްލިކްސް ސެންސަރު ކުރަން ވިސްނަނީ

ނެޓްފްލިކްސް އިން ދައްކާ ބައެއް ކޮންޓެންޓު ސެންސަރުކުރުމާ ގުޅޭގޮތުން ކަމާ ގުޅޭ ބައެއް ފަރާތްތަކުން މަޝްވަރާކުރުމަށް ތައްޔާރުވެއްޖެ އެވެ.

މެލޭޝިއާގެ ނޭޝަނަލް ފިލްމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ފިނާސް)ގެ ސީއީއޯ އަހުމަދު އިދާމް އަހުމަދު ނަދްޒީ ވަނީ ދާދި ފަހުން ނެޓްފްލިކްސްގެ ކޮންޓެންޓާ ގުޅޭގޮތުން ހުރި ހިތްހަމަނުޖެހުންތައް ހިއްސާކުރައްވާފަ އެވެ.

ނެޓްފްލިކްސްގެ ކޮންޓެންޓުތަކަކީ ސެންސަރުކޮށް އަދި މޮނިޓާކުރެެވެން ޖެހޭ ކޮންޓެންޓުތަކެއް ކަމަށް އޭނާ ވަނީ އިޝާރާތްކުރައްވާފަ އެވެ. އަދި އެކަމާ ގުޅިގެން މަޝްވަރާ ފަށާނެ ކަމަށް އޭނާ ވަނީ އިޝާރަތްކުރައްވާފަ އެވެ.

ދާދި ފަހުން އެގޮތަށް އިޝާރާތްކުރައްވާ ވާހަކަ ދެއްކެވުމުން މެލޭޝިއާގެ ރައްޔިތުންގެ ނުރުހުންތައް ވަނީ ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފަ އެވެ.

ނެޓްފްލިކްސްގެ ކޮންޓެންޓުތަކަކީ އަމިއްލައަށް ފައިސާ ދައްކައިގެން ބަލާ އެއްޗެއްސަށް ވުމުން އެކަންކަމާ ސަރުކާރުން ބެހެން ނުޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މެލޭޝިއާއިން ވަނީ ދާދި ފަހުން "އެތިކަލް ސްޓްރީމިން ސާވިސް" އެއް ތައާރަފުކުރާނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފަ އެވެ. އެގޮތުން "އޭފްލިކްސް"ގެ ނަމުގައި އެތިކަލް ސްޓްރީމިން ސާވިސް އެއް ތައާރަފުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އެމެރިކާގެ ސްޓްރީމިން ސާވިސް އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓްރީމިން ސާވިސް އެވެ. ސްޓްރީމިން ސާވިސްއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ބޮޑެތި ކުންފުނިތަކުން ދަނީ އެފަދަ ހިދުމަތްތައް ތައާރަފުކުރަމުންނެވެ. އެގޮތުން ޑިޒްނީ އާއި އެޕަލް އިން ވެސް ވަނީ އެ ކުންފުނިތަކުގެ ކޮންޓެންޓް ދެއްކުމަށް ސްޓްރީމިން ސާވިސް ލޯންޗުކޮށްފަ އެވެ.

comment ކޮމެންޓް