ކެބިނެޓުގެ ރުހުމާއެކު، މާލޭގެ މަގުތައް ޒަމާނީކުރުމުގެ ބޮޑު މަޝްރޫއު ފަށަނީ

މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ/ ރައީސް އޮފީސް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ހުށަހެޅި މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭނަށް ވަޒީރުންގެ މަޖިލީހުން ރުހުން ލިބުމާއެކު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އިސްނެގުމަކަށް އެކުލަވާލި، މާލޭގެ މަގުތައް ޒަމާނީކުރުމުގެ ބޮޑު މަޝްރޫއު ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިންނެވެ. މިއީ މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާއަތްކޮށް، މާލޭގެ މަގުތަކަކީ ވަކި ގޮތަކަށް ތަރުތީބުކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުގައި ސިޓީ ކައުންސިލުން ހެދި ޕްލޭނެކެވެ.

މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒަމާނީ ފެންވަރަކަށް މާލޭގެ މަގުތައް ތަރައްގީކުރުމުގެ އިތުރުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަ ހައްލުކުރުމާއި ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާ ގޮތަށް ތަރުތީބު ކޮށްފައިވާ މަގުތަކަކަށް ހެދުމެވެ.

މި ޕްލޭން ފެށުމަށް މިއަދު ކެބިނެޓުން ނިންމި އިރު، މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ތަރައްގީކޮށް ނިމުމުން މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު އެ މަޝްރޫއު ނިމުމުން ޕާކުކުރުމުގެ މައްސަލައަށް ހައްލެއް ލިބި، ފެން ހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ޚިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރެވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

comment ކޮމެންޓް