ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ޑީއެމް ޖަޔަރަތުނަ އަވަހާރަވެއްޖެ

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ޑީއެމް ޖަޔަރަތުނަ --

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ޑިސާނާޔަކަ މުޑިޔަންސޭލާގޭ ޖަޔަރަތުނަ (ޑީއެމް ޖަޔަރަތުނަ) އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 88 އަހަރުގައި ބޮޑުވަޒީރު ޖަޔަރަތުނަ އަވަހާރަވީ މިރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ކެންޑީގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ރައީސްކަމުގައި، އޭޕްރިލް 2010 އަކުން 9 ޖެނުއަރީ 2015 އާ ހަމައަށް ސްރީލަންކާގެ ބޮޑުވަޒީރުކަން އޭނާ ކުރެއްވިއެވެ.

ޖަޔަރަތުނައަކީ ސްރީލަންކާގެ ސިޔާސީ ދާއިރާގައި 1970 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ. އަދި ސްރީލަންކަން ފްރީޑަމް ޕާޓީ (އެސްއެލްޕީޕީ)ގެ ފައުންޑިން މެމްބަރެއްވެސް މެއެވެ.

ނަވާރަސަތޭކަ ހަތްދިހަވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވި ޖަޔަރަތުނަ، 1977 ވަނަ އަހަރާ ހަމައަށް މަޖިލީހުގައި އިންނެވިއެވެ. އޭގެ ފަހުން ސްރީލަންކާ ފްރީޑަމް ޕާޓީގެ ސީނިއާ ވައިސް ޕްރެޒިޑެންޓްކަމާއި އެ ޕާޓީ ނިސްބަތްވާ ޕީޕަލްސް އުނައިޓެޑް ފްރަންޓް އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރެއްވިއެވެ.

ފަހުން ޖުލައި 1989 ގައި ކެންޑީ ޑިސްޓްރިކްޓުގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވެދެވަޑައިގެންނެވި ފަހުން، ޖެހިގެން އައި 25 އަހަރު މެމްބަރުކަމުގައި މަޖިލީހުގައި އިންނެވިއެވެ. އެއީ އިންތިހާބީ މެމްބަރުކަމާއި ސަރުކާރުން އެކުލަވާލާ ނޭޝަނަލް ލިސްޓުގެ ދަށުން އައްޔަނުކުރާ މެމްބަރެއްގެ ގޮތުގައިވެސް މެއެވެ.

ޖަޔަރަތުނަ އެންމެ ފުރަތަމަ ލަންކާގެ ކެބިނެޓުގެ މެމްބަރުކަން ކުރެއްވީ 1994 ވަނަ އަހަރު، ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގަގެ ވެރިކަމުގައި އެގައުމުގެ ބިމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރުކަމެވެ.

އޭގެ ފަހުން އެކި ސަރުކާރުތަކުގައި އެކި މިނިސްޓްރީތައް އޭނާ ހިންވެވިއެވެ. އެގޮތުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމާއި، ޕޯސްޓް މިނިސްޓަރުކަންވެސް ހިމެނެއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނ، ކުރީގެ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ޑީއެމް ޖަޔަރަތުނައަށް ރައީސަށް ލަފާ އަރުވާ ހާއްސަ މުސްތަޝާރުކަންވެސް ދެއްވިއެވެ.

comment ކޮމެންޓް