ރާއްޖެއިން ހެދި ޑައިވް ރެކޯޑު ރަސްމީކޮށް ރެކޯޑު ފޮތަށް އަރުވައިފި

އޮކްޓޯބަރ 1، 2019: މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ނޭވާ" ގެ ނަމުގައި 521 ޑައިވަރުންނާއިއެކު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ގާއިމް ކުރުން: ފްރީޑައިވް ގައި ރައީސް ސޯލިހް ވަނީ އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ މަހު އެއްވަނަ ދުވަހު ރާއްޖޭގައި ހެދި ފްރީޑައިވް ވޯލްޑް ރެކޯޑް ރަސްމީކޮށް ބަލައިގަނެ، ރެކޯޑު ފޮތުގައި ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ހެދި އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވް ކުރުމުގެ ވޯލްޑް ރެކޯޑު، ގިނީސް ވޯލްޑް ރެކޯޑު ފޮތަށް ރަސްމީކޮށް މިހާރު އަރުވާފައިވާ ކަމަށެވެ.

ރާއްޖެއިން އެ ރެކޯޑު ހެދީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އޮކްޓޫބަރު 1 ވަނަ ދުވަހު "ނޭވާ"ގެ ނަމުގައި ބޭއްވި އިވެންޓެއްގައެވެ. ކ. ބަރޮސްގެ ފަޅުތެރޭގައި މި ރެކޯޑު ހެދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ހިމެނޭ ގޮތަށް، 521 ޑަައިވަރުންނާ އެކުގައެވެ.

ޑައިވަރުން މި ރެކޯޑު ތިން މީޓަރު އަޑީގައި 30 ސިކުންތު ވަންދެން ނޭވާ ހިފަހައްޓައިގެންނެވެ.

ރާއްޖެއިން އެ ރެކޯޑް މުގުރާލިއިރު މީގެ ކުރިން އެ ރެކޯޑް އޮތީ އިޓަލީގެ އަތުގައެވެ. އެގައުމުގެ ވެރޯނާގައި މީގެ ދިހަ އަހަރު ކުރިން އެ ރެކޯޑް ހެދި ހަރަކާތުގައި 280 މީހުން ބައިވެރިވިއެވެ.

comment ކޮމެންޓް