އިންފުލުއެންޒާ އިތުރުވެ ޑެންގީ ވެސް އިތުވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

މޭއި 16، 2015: މަދިރި ރުޅި ރުޅި ކެމްޕޭނުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގައި އިންފުލުއެންޒާ އިތުރުވެ ޑެންގީ ވެސް އިތުވެދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިއަށް އޮތީ ބޮޑު ޗުއްޓީކަމަށްވެފައި ގިނަ ބަޔަކު ރާއްޖެއިން ދަތުރުކުރާ މީހުން އިތުރުވެ ގޭގެއަށް ޒިޔާރަތްކުރާމީހުން ވެސް އިތުރުވެގެންދާނެ ކަމަށެވެ.

އަދި މިދުވަސްވަރު އިންފުލުއެންޒާ ހުން އިތުރުވެ އަދި ކުރިއަށް ތަނުގައި ވިއްސާރަވެ ޑެންގީހުން ފެތުރޭ މިންވަރު ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވޭތީ ހާއްސަ ކަންތައްތަކަކަށް ސަމާލުވާން ވަނީ ގޮވައިލައިފަ އެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް

• އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
• ރޯގާޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.
• ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނު ޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް

• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
• ފާހާނާ ކުރުމަށް ފަހު އަދި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
• ގޭގައި ކާބޯތަކެތި ރައްކާކުރާ އިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
• ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން
• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.

comment ކޮމެންޓް