މާރުކޭޓު ގޮޅިތައް ބަންދުކުރާއިރު އިތުރު ގޮތެއް ހޯދާދޭނަމޭ ނުބުނަން: ޝިފާ

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކުރާނީ ގޮޅިތައް ހިންގަމުން ދިޔަ ފަރާތްތަކަށް އެހެން ގޮތެއް ހޯދައިދިނުމަށްފަހުގައި ކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހު މާރުކޭޓު ބަންދުކުރި ފަހުން އަދިވެސް މާރުކޭޓު ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލާފައެއް ނުވެއެވެ. އަދި އެތަނުގައި ވިޔަފާރި ކުރަމުން ދިޔަ ފަރާތްތައް ވިޔަފާރި ކުރާނެ ތަނެއް ވެސް ކައުންސިލުން ދައްކާފައި ނުވާ ކަމަށް ބުނެ ވިޔަފާރިވެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

"ސަން" އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނީ، މާރުކޭޓު ބަންދުކުރާނީ އެފަރާތްތަކަށް ގޮތެއް ހޯދައިދީފާ ކަމަށް ކައުންސިލުން ބުނި ނަމަވެސް، އަދިވެސް އެފަރާތްތަކަށް ގޮތެއް ހޯދައިދީފާ ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިފާ ވަނީ އެވާހަކަތައް ދޮގުކުރައްވައިފައެވެ. ޝިފާ ވިދާޅުވީ އެފަދަ ލަފައެއް އެއްވެސަ ފަރާތަކަށް ދެއްވާފައި ނުވާނެ ކަމަށާއި އަދި އެފަދަ މަޝްވަރާއެއް ވެސް އެއްވެސް އިރެއްގައި ކުރެވިފައި ނުވާ ކަމަށެވެ.

"މާރުކޭޓު ގޮޅިތަކުގައި އެވަގުތު ތިބި މީހުންނަށް ގޮތެއް ހޯދައިދޭނަމޭ، އެ ވިދާޅުވި ވިދާޅުވުން އަޅުގަނޑަކަށް ނޭނގެ އެއީ ކޮން ފަރާތަކުން ވިދާޅުވި ވިދާޅުވުމެއް ކަމެއް. އެއީ އެއްވެސް ތަނެއްގައި މިވަގުތު މާރުކޭޓު ގޮޅިތަކުގައި ތިބި ބޭފުޅުންނަށް އިތުރު ގޮތެއް ހޯދައިދޭނެ ކަމަށް މަޝްވަރާއެއް، ލަފައެއް އަޅުގަނޑުމެންނަށް އެއްވެސް ފަރާތަކަށް އަޅުގަނޑަށް އެނގިގެން ދެވިފައެއް ވެސް ނެތް އަދި މަޝްވަރާއެއް ވެސް ކުރެވިފައެއް ނެތް،" ޝިފާ ވިދާޅުވިއެވެ.

މާރުކޭޓު ހުސްކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަޝްވަރާތައް ފެށި، މާރުކޭޓު ބަންދު ކުރުމާ ހަމައަށް ވެސް އެކި ފަހަރު މަތިން އެތަން ހުސްކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެތަން ހުސް ނުކުރެވި، އެތަނުގައި ވިޔަފާރި ކުރަމުން ދިޔަ ފަރާތްތަކަށް ބަދަލެއް ނުގެނެސް، ވިޔަފާރި ކުރުމަށް އިތުރު އަށް މަސް ދެވިފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާރުކޭޓު ބަންދު ކުރި އިރު ގިނަ އަދަދެއްގެ ގޮޅިތަކެއްގައި ހުރި ބައިވަރު މައްސަލަތަކެއް ފެންމަތިވެފައިވާކަން ޝިފާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ގޮޅިތައް ދޫކުރެވިފައި ހުރި މީހާ ނޭނގޭ ހިސާބަށް ކަންކަން އޮޅުންބޮޅުން ވެފައިވާ އިރު، އެގްރީމަންޓް ހަދާފައިވާ ފަރާތްތަކަށް ގޮޅިތައް ދޫނުކުރެވި، އަދި ބައެއް ފަރާތްތަކުގެ އެގްރީމަންޓުގެ މުއްދަތު ވެސް އިތުރުކޮށްފައި ހުރި މައްސަލަތަކެއް ފާހަގަވި ކަމަށް ޝިފާ ވިދާޅުވިއެވެ.

"އެހެންވީމަ ހަގީގަތުގައި ގޮޅިތައް ހޯދައިދޭނެކަމުގެ ވާހަކައެއް ދެއްކުމުގެ ޖާގައެއް އަޅުގަނޑަކަށް ނުފެނޭ. އެއީ އެތަކެއް ބަޔަކު ގޮޅިތަކަށް އެދެމުން ދިޔައީ. ވަކި ބަޔަކު އެތަނުގައި ބައިތިއްބައިގެން އެތަނުން ނުނެރެ އަދި އެބައިމީހުންނަށް އިތުރު މުއްދަތެއް ދީފަ އިތުރު ތަނެއް ދީފަ ލައިފި ކަމަށް ވަންޏާ ވަރަށް ބޮޑެތި ޝަކުވާ އަންނާނެ ގޮޅި ނުލިބި ތިބި މީހުންގެ ފަރާތުން،" ޝިފާ ވިދާޅުވިއެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ޒަމީރު ވަނީ މޭޔަރުގެ ވާހަކަތައް ދޮގުކުރައްވައިފައެވެ. ޒަމީރު ވިދާޅުވީ މިހާރު ގޮޅިތަކުގައި ވިޔަފާރިކުރާ ދިވެހިން ސިޓީ ކައުންސިލްގެ މާފަންނު އޮފީހަށް އެއްވި ދުވަހަކު މާރުކޭޓު ބަންދުކުރާއިރު އެފަރާތްތަކަށް އެހެން ތަނެއް ހަމަޖައްސައިދޭނެ ކަމަށް މޭޔަރު ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، އަޅުގަނޑު އަތުގައި ރެކޯޑިން ވެސް ހުންނާނެ، މާފަންނު އޮފީހަށް މިހާރު މާރުކޭޓުގައި ތިބި ދިވެހިން އެއްވި ދުވަހެއްގައި އަޅުގަނޑުމެން ބައްދަލުވުން ކުރިއަށް ދަނިކޮށް މޭޔަރު ވަޑައިގަތީމަ [ކައުންސިލަރު]ފަޒީން އެއްސެވީ މޭޔަރު ކައިރީ މިބޭފުޅުން އެބަ އައްސަވައޭ އެބޭފުޅުންނަށް މަރުކޭޓު ބަންދުވާއިރު ތަނެއް ދެއްކޭނެތޯ، ދައްކާނަންތޯ، އެބޭފުޅުން އެބަ ބޭނުންވޭ މާރުކޭޓު ބަންދުވާ އިރުގައި ތަނެއް. ދެން މޭޔަރު ވިދާޅުވީ ތަނެއް ދައްކާނަމޭ،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ މާރުކޭޓު ބަންދުވުމާ ގުޅިގެން އެފަރާތްތަކަށް ވަގުތީ ގޮތުން އެހެންތަކެއް ހޯދައިދޭން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ބައްދަލުކުރައްވައި، ދެ މަސް ދުވަހަށް ރުމާލު ޖަގަހަ މާރުކޭޓުގެ ގޮތުގައި ބޭނުން ކުރަން ދެއްވާނެ ކަމަށް މިނިސްޓަރު އަނގަބަހުން އެއްބަސްވެވަޑައިގެން ކަމަށެވެ.

"ޖެހިގެން އައި ދުވަހު އެކަން ބަދަލުވެގެން ދިޔަ ގޮތެއް ނޭނގެ. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެބޭފުޅުންނަށް އެހެން ތަނެއް ދައްކަން،" އޭނާ ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކަތަކަށް ޝިފާ ވަނީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން ފަހުން ކޮމިޓީގައި ވާހަކަ ދައްކާފައެއް ނުވެއެވެ.

comment ކޮމެންޓް