ލީކުވި ލިޔުންތަކުގައި ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާގެ ތަފްސީލު ހުރި: އެންވައިޓީ

ޝިންޖަންގުގައި މުސްލިމުން ބޭއްވި މުޒާހަރާއެއް ތެރެއިން. ޗައިނާއިން ވަނީ އެތައް ހާސް މުސްލިމުން ގައިދުހާނާތަކުގައި ހައްޔަރުކޮށްފަ -- ފޮޓޯ: އޭޕީ

ނިއުޔޯކް (ނޮވެމްބަރު 19): ޗައިނާގެ ސަރުކާރުގެ އޮފިޝަލަކު ލީކުކޮށްލި ސިއްރު ލިޔެކިޔުންތަކެއްގައި އެގައުމުގެ ރައީސް ޝީ ޖިންޕިންގެ އަމުރަށް، އެގައުމުގެ ޝިންޖިންއަންގުގައި މުސްލިމުންނާ މެދު އަމަލު ކުރާ އިހާނެތި ގޮތްތަކުގެ ތަފްސީލު ހިމަނާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

ޗައިނާގެ ސަރުކާރުގައި ހިމެނޭ، ނަން ހާމަ ނުކުރާ އޮފިޝަލަކު ލީކުކޮށްލި ކަމަށް ބުނާ 403 ސަފްހާގެ އެލިޔުންތަކުގައި، 2014 ވަނަ އަހަރު ރައީސް ޝީ ޝިންޖަންގުގެ އޮފިޝަލުންނަށް ޕްރައިވެޓްކޮށް ދެއްވި ތަގުރީރުތަކެއް ހިމެނެ އެވެ. އެތަގުރީރުތައް ރައީސް ދެއްވީ ޝިންޖަންގުގައި ތިބި ޗައިނާއިން ވަކިވެގަންނަން މަސައްކަތް ކުރާ ބަޔަކު ދިން ކަމަށް ބުނާ ހަމަލާއެއްގައިި، 31 މީހުން މަރުވި ފަހުންނެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެތަގުރީރުތަކުގައި ޝީ ވަނީ "އެއްވެސް ރަހުމެއް ނެތި، ޓެރަރިޒަމާއި ވަކިވެގަތުމާ ދެކޮޅަށް" ފިޔަވަޅު އެޅުމަށް ޝިންޖިއަންގުގެ ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި އެފިޔަވަޅުތައް އެޅުމުގައި މިސާލަކަށް ނަގަންވީ އެމެރިކާއިން ސެޕްޓެމްބަރު 11ގެ ހަމަލާތަކަށް ފަހު އަމަލު ކުރި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

ޝީ ވިދާޅުވި ގޮތުގައި އުއިގޫރު މުޖުތަމައުގައި ދީނީ ގޮތުން ހައްދުފަހަނައެޅުން ވަނީ ވަރަށް ބޮޑަށް އަށަގަނެފަ އެވެ. އަދި އެކަން ނުހުއްޓުވައިފި ނަމަ ޝިންޖިއަންގުގަ އާއި ޗައިނާގެ އެހެން ސަރަހައްދުތަކުގައި ވެސް ހަމަނުޖެހުން އުފެދި، ވެރިކަން ކުރާ ޕާޓީގެ ބާރެއް ނެތް ކަމަށް ބެލެވެން ފަށާފާނެ އެވެ.

މީގެ އިތުރުން ޝީ ވަނީ ދީނީ ހައްދުފަހަނައެޅުމަކީ "ގައިން ގަޔަށް އަރާ ވައިރަސްއެއް"ގެ ގޮތުގައި ސިފަކުރައްވާ އެވައިރަސް ޖެހޭ މީހުންނަށް "ފަރުވާ ދޭން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެވައިރަސް ފެތުރުން ހުއްޓުވައި، ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ޝިންޖިއަންގުގައި މީހުންގެ މައުލޫމާތު ހޯދާ، ޖާސޫސު ކުރުމުގެ ބޮޑު ކެމްޕޭނެއް ކުރިއަށްގެންދަން ޖެހޭ ކަމަށް ޝީ ވިދާޅުވި އެވެ.

އެތަގުރީރުތަކަށް ފަހު ޝިންޖިއަންގުގައި މުސްލިމުން އެކަހެރިކޮށް ބައިތިއްބަން ގައިދުހާނާތައް ހަދަން ފެށި ކަމަށް ނިއު ޔޯކް ޓައިމްސްގައިވެ އެވެ. އަދި އެތަނުގައި ހައްޔަރު ކުރަން ޖެހޭ މީހުން ފާހަގަ ކުރުމަށް ޝިންޖިއަންގުގެ އިސް އޮފިޝަލުން ވަކި އިރުޝާދުތަކެއް ދިން ކަމަށާއި، އޭގެ ތެރޭގައި ތުނބުޅި ދިގު ކުރުމާއި އަރަބި ބަސް ދަސްކުރުން ފަދަ ވަރަށް އާދައިގެ ކަންތައްތައް ވެސް ހިމެނޭ ކަމަށް ޓައިމްސްއިން ހާމަ ކުރި އެވެ.

މީގެ އިތުރުން ޝީ އާއި އިތުރު ލީޑަރުން ދެއްވި ޕްރައިވެޓް ތަގުރީރުތަކާއި ޝިންޖަންގުގެ އުއިގޫރު މުސްލިމުންނަށް ޖާސޫސު ކުރުމާއި އެމީހުންގެ ދިރިއުޅުން ކޮންޓްރޯލު ކުރުމާ ބެހޭ އިރުޝާދުތަކާއި ރިޕޯޓުތައްވެސް އެލިޔުންތަކުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އެހެން ސަރަހައްދުތަކަށް އިސްލާމް ދީން ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ފުޅާ ކުރުމާ ބެހޭ މައުލޫމާތު ވެސް ހިމެނޭ ކަމަށް ޓައިމްސްއިން ބުންޏެވެ.

ޝިންޖިއަންގުގެ އާބާދީ 25 މިލިއަނަށް އަރާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ އުއިގޫރު މުސްލިމުންނެވެ. ނަމަވެސް އުއިގޫރު މުސްލިމުންގެ މެދުގައި ޗައިނާގެ ވެރިކަމާ މެދު އޮންނަ ދެކޮޅުވެރިކަން ހުއްޓުވުމަށް ކަމަށް ބުނެ، އެގައުމުގެ ސަރުކާރުން މުސްލިމުންނާ މެދު ތަފާތުކޮށް، އާއްމު ދިރިއުޅުމަށް އެކި ހުރަސްތައް އަޅަމުންދާތާ އަހަރުތަކެއްވެއްޖެ އެވެ.

މިދިޔަ އަހަރު އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ވަނީ ޝިންޖިއަންގުގެ 1.1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށް، ގައިދުހާނާތަކަށް ލާފަ އެވެ. އަދި ބައެއް ފަހަރު އެމީހުން އެތައް މަހަކަށް ނުވަތަ އަހަރުތަކަށް ވެސް އެގައިދުހާނާތަކުގައި ބައިތިއްބަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެއް ކަމަށް ބުނެފަ އެވެ.

ޓައިމްސްގެ އެ ރިޕޯޓާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ވަނީ އެވާހަކަތައް ދޮގު ކުރައްވާ، އެއީ އަސްލު ލިޔުންތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް