ލުބްނާން ދަނީ ދިޔަވާ އޮޑިއެއް ގޮތަށް "ކަނޑަށް ފެތެމުން": ބައްރީ

ލުބްނާނުގެ ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީ

ބައިރޫތު (ނޮވެމްބަރު 18) : ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާތީ ލުބްނާން ދަނީ ދިޔަވާ އޮޑިއެއް ގޮތަށް "ކަނޑަށް ފެތެމުން" ކަމަށް އެގައުމުގެ ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީ ވިދާޅުވެއްޖެ އެވެ.

ލުބްނާނުގެ ޝިޔައީ މަޛްހަބަށް ނިސްބަތްވެ ވަޑައިގަންނަވާ ބައްރީ ވިދާޅުވީ ލުބްނާނަށް ކުރިމަތިވެފައި ވަނީ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކެއް ކަމުގަ އެވެ. އެމައްސަލަތައް ހައްލުނުވާ ނަމަ ދިޔަވާ އޮޑިއެއް ކަނޑަށް ފެތިގެންދާ ގޮތަށް ލުބްނާނުގެ މުޖްތަމައު ހަލާކުވެގެން ހިނގައިދާނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ބައިރޫތުގައި ނެރޭ ނޫހެއްކަމަށްވާ "އަލްޖުމްހޫރިއްޔާ" އަށް ދެއްވި ބަސްދީގަތުމެއްގައި ބައްރީވަނީ ލުބްނާނުގައި ވަގުތީ ސަރުކާރެއް އެކުލަވާލުން ލަސްވަމުންދާކަން ފާހަގަ ކުރައްވައި ވަގުތީ ސަރުކާރެއް އެކުލަވާލައިގެން ނޫނީ ރައްޔިތުން އެދޭކަމަށް ހައްލު ނުލިބޭނެކަމަށް ވިދާޅުވެފަ އެވެ. ލުބްނާނުގެ ބައެއް ލީޑަރުން ވަނީ ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާ ނަމަ އަނެއްކާ ވެސް އެގައުމުގައި ދާޚިލީ ހަނގުރާމަ އެއް ފެށިދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. ލުބްނާނަކީ 1975 އިން 1990 އަށް ލޭ އޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ހިނގާފައިވާ ގައުމެކެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ލުބްނާނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ފެށި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ސައްދުލްހަރީރީއާއި އޭނާގެ ސަރުކާރު އިސްތިއުފާ ދިންތާ ދެހަފްތާވެފައިވާއިރު ވެސް މުޒާހަރާކުރާ އާންމުން އެދޭފަދަ ވަގުތީ ސަރުކާރެއް އެކުލަވާލެވިފައެއް ނުވެއެވެ. ލުބްނާނުގައި ވަގުތީ ސަރުކާރެއް އެކުލަވައި ނުލެވިގެން އުޅެނީ އެގައުމުގެ ނުފޫޒުގަދަ ދީނީ، މަޛްހަބީ އަދި ތާއިފީ އިސް ލީޑަރުންގެ ސިޔާސީ ވާދަވެރިކަން ބޮޑުކަމުންކަމަށް އޮބްޒާވަރުން ވިދާޅުވެ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަނީ ސިޔާސީ ބޭފުޅުން ނުހިމެނޭ ޓެކްނޮކްރޭޓުންގެ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފަހު އެސަރުކާރުގެ ބެލުމުގެ ދަށުން ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައިގެން އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. އިންތިގާލީ ސަރުކާރުގެ މައި އަމާޒަކަށްވާންޖެހޭނީ ލުބްނާނުގެ ދަސްތޫރުގައި މިހާރު އޮންނަ ދީނީ، މަޛްހަބީ އަދި ތާއިފީ ބައިބައިކުރުންތައް ނައްތާލައި ޒަމާނީ ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ދަސްތޫރު އިސްލާޙު ކުރުންކަމަށް ވެސް މުޒާހަރާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ނަވާރަސަތޭކަ ހަތްދިހަ ފަހަކުން ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރާ ހަމައަށް އެގައުމުގައި ހިނގި ދާޚިލީ ހަނގުރާމައަށް ފަހު ފާއިތުވި ނަވާރަ އަހަރު ތެރޭގައި ގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލުބްނާނުގައި ފެނާއި ކަރަންޓާއި ސިއްޙަތާއި ތައުލީމާއި އިޖްތިމާއީ ރައްކާތެރިކަން ފަދަ ޚިދްމްތަކަށް ކޮންމެ އަހަރެއްގެ ބަޖެޓުންވެސް އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކުރާއިރު އެޚިދްމަތްތައް ބަލިކަށިވެ އިގްތިސާދު ބޮއްސުންލާފައި އާންމުންނަށް ވަޒީފާ ލިބުން ދަތިވެ ތަކެތީގެ އަގުބޮޑުވެ ކުދި ވިޔަފާރިތައް ބަނގުރޫޓްވަނީ އެގައުމުގެ ސިޔާސީ މަޛްހަބީ އަދި ތާއިފީ ލީޑަރުން ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި އެމީހުންގެ މަސްލަހަތަށްޓަކައި ބޭނުން ކުރަމުން ގެންދާތީ ކަމަށް މުޒާހަރާކުރާ ފަރާތްތަކުން ގޮވައި އަޑު އުފުލަމުން ގެންދެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް