ބަންގްލަދޭޝްގައި ގޭސް ހޮޅިއެއް ގޮވާ އަށް މަރު

ގޭސް ހޮޅި ގޮވި އިމާރާތާއި ކައިރީގައިވާ އިމާރާތްތައް

ޗިޓަގޮންގް (ނޮވެމްބަރު 18) : ބަންގްލާދޭޝްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޗިޓަގޮންގް ގެ އިމާރާތެއްގައި ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން 8 މީހުން މަރުވެ 25 މީހުން ޒަޚަމްވެއްޖެއެވެ.

ބަންގްލަދޭޝްގެ ފަޔާ ސާވިސް އިން ބުނިގޮތުގައި ގޭސްހޮޅި ގޮވީ އެހޮޅިން ގޭސް ލީކުވެގެންކަމުގައެވެ. ގޭސްހޮޅި ގޮވުމާ ގުޅިގެން އެ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ކުޑައިރުުކޮޅެއްގެ ތެރޭގައި އެތަނުން މީހުންނެރެ އެ އިމާރާތްވަނީ ހުސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ގޭސް ހޮޅި ގޮވުމުގެ ސަބަބުން ކައިރީގައިހުރި ތިން ފިހާރައަކަށާއި ދެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ފުލުހުންވަނީ ފާހަގަކޮށްފައެވެ.

މި ޙާދިސާގައި 8 މީހުން މަރުވެފައިވާއިރު ޒަޚަމްވީ މީހުންވަނީ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދޭންފަށާފައެވެ. ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާފަދަ ގެއްލުންތައް ލިބިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބަންގްލަދޭޝްގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ.

ގޭސްހޮޅި ގޮވާފައިވަނީ ޗިޓަގޮންގްގެ އަށަވެއްކަމަށްވާ ޕައްތަރުގާޓާ ގައި ހުންނަ ފަސް ބުރީގެ އިމާރާތެއްގައެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ވެރިރަށް ޑާކާގައި ހިނގި ގޭސް ލީކުވުމުގެ ޙާދިސާއެއްގައި 7 ކުޑަކުދިން މަރުވެފައި ވެއެވެ. އެފަހަރު ގޭސް ލީކުވީ ފުއްޕާހަންތަކަކަށް ވައިޖަހަން އުޅުމުގެ ތެރޭގައި ކަމަށް އެދުވަސްވަރު ފުލުހުން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު