ކުށުގެ ބަންދުގައި ހުންނަ ކުއްޖާއަށް ތައުލީމު ދިނުން ލާޒިމް ކޮށްފި

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ކުށްކޮށްގެން އެއްވެސް ކަހަލަ ބަންދެއްގައި ކުޑަކުއްޖަކު ބަހައްޓަން ޖެހޭ ހާލަތެއްގައިވެސް ހުއްޓުމެއް ނެތި އެކުއްޖާއަށް ތައުލީމު ދިނުމަށް ލާޒިމުކޮށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަކުދިންގެ އަދުލުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ ބިލު ނިމިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ގާނޫނުގައި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކޮށް ރައްކާތެރި މާހައުލެއް ގާއިމް ކުރާނެ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތަށް ވަނީ ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފަ އެވެ.

ގާނޫނުގެ 16 ވަނަ މާއްދާގައި ވާގޮތުން ކުއްޖާ ކުށްކުރި ކަމުގައިވިޔަސް އޭނާއަށް ތައުލީމު ދިނުމަށް ހުރަސް އެޅިގެން ނުވާނެ އެވެ. އަދި އެއީ ކަމާ ގުޅުން ހުރި އިދާރާތަކަށް ލާޒިމް ކަމެއްގެ ގޮތުގައި ގާނޫނުގައި ވަނީ ހިމަނާފަ އެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖާ ބަހައްޓަން ޖެހޭ ހާލަތެއްގައިވެސް ހުއްޓުމެއް ނެތި ކުއްޖާގެ އުމުރުފުރާއާ އެއްވަރަށް ތައުލީމު ލިބެމުން ދިއުމުގެ ފުރުސަތު ކުއްޖާ ބަންދުގައި ބަހައްޓާ ފަރާތުން ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ވާކުދިންނަށާއި ކުށުގެ ތުހުމަތުގައި ވާ ކުދިންނަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ތައުލީމު ދެވޭނެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ސިކުނޑި އާއި ވިސްނުން ތަރައްގީވާ ފަދަ އަދި އެހެން މީހުންނާއި ގުޅިގެން އުޅުމާއި ރަނގަޅު ނިންމުންތައް ނިންމާނެގޮތުގެ ހުނަރާއި މައުލޫމާތު ލިބޭނެފަދަ ފަރުވާ އެފަދަ ކުދިންގެ ތައުލީމު ހިމަނަންވާނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ކުށްކުރުމުން ކުޑަކުދިން ރައްކާތެރިކޮށް ދުރުހެލިކުރުމަށާއި އެކުދިން ހެޔޮގޮތުގައި މުޖުތަމައުއަށް އަހުލުވެރި ކުރުވުމަށް ހިންގަންޖެހޭ ތައުލީމީ ޕްރޮގްރާމްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ތައުލީމުދޭ މަރުކަޒުތަކާއި އާއިލާތައް އަދި މުޖުތަމައު ގުޅިގެން ހިންގަންވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ލާޒިމް ކުރެ އެވެ.

ކުށްކުރާ ކުޑަކުދިންނަށް އަޅާނެ ހަރުދަނާ ފިޔަވަޅުތަކެއް

ކުށުގެ ވެށިން ކުއްޖާ ސަލާމަތްކޮށް މުޖުތަމައުއަށް ނެރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ލާޒިމްކޮށް ގާނޫނުގައި ވަނީ އެފަދަ ފިޔަވަޅުތަކެއް ހިމަނައިފަ އެވެ. އެގޮތުން ޑައިވާޝަން ނިޒާމުގެ ތެރެއިން ކުއްޖާއަށް އެޅިދާނެ ފިޔަވަޅުތަކެއް ގާނޫނުގައި ވަނީ ހިމަނާފަ އެވެ. އެއީ ޖިނާއީ ކުށްކުރާ އާންމު މީހުންނަށް ދޭ އަދަބުތަކުގެ ބަދަލުގައި ކުޑަކުއްޖާ ކުށެއްކޮށްފި ނަމަ ދެވޭނެ އަދަބުތަކެއް ކަނޑައެޅުމެވެ.

ގާނޫނާ ހިލާފުވާ ކުއްޖާއަށް ޑައިވާޝަން ނިޒާމުގެ ދަށުން އެޅޭނެ 17 ފިޔަވަޅެއްގެ ވާހަކަ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ކުއްޖާ އަނިޔާ ލިބުނު މީހާގެ ކިބައިން ލިޔުމުން ނުވަތަ އަނގަ ބަހުން މާފަށް އެދުމާއި ކަނޑައެޅިފައިވާ މުއްދަތަށް ތައުލީމުދޭ ތާކަަށް ކުއްޖާ ދިއުމަށް އެންގުންވެސް ހިމެނެ އެވެ.

ޖުވެނައިލް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

  • ކަނޑައެޅިފައިވާ މުއްދަތަށް ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން
  • ކުއްޖާގެ އުޅުމަށް ހެޔޮބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ގެންގުޅުމަށް ކުއްޖާއާއި އޭނާގެ ބަލަދުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކަށް އަމަލުކުރަން ކުއްޖާއަށް އެންގުން
  • ކައުންސެލިން، ގުރޫޕު ކައުންސެލިން އަދި ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން
  • ވޮކޭޝަނަލް ޓްރެއިނިންގް ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުން
  • ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް އެންގުން
  • ކުއްޖާ ހިންގި އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތައް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އެފަރާތުގެ ރުހުމާއެކު އެކަން ރަނގަޅު ކުރުމަށް ކަމެއް ކޮށްދިނުމަށް
  • މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން ނުވަަތަ އެފަދަ މަސައްކަތެއް ކުރުމަށް އެންގުން

އަދިވެސް ގިނަ ކަންތައްތަކެއް ކުޑަކުއްޖަކު ކުރާ އަދަބެއްގެ ގޮތުގައި ޑައިވާޝަން ނިޒާމުގެ ތެރެއިން ކުރެވިދާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އަދުލުގެ ގާނޫނުން ކުއްޖާއަށް ލިބިދޭ ހައްގުތައް

ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށްވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

  • ކުއްޖާއަށް އެއްވެސް ޖިސްމާނީ އަދި ނަފްސާނީ ހާނިކައެއް ލިބޭނެ އަދަބެއް ނުދިނުން
  • ކުއްޖާ ދައްކަން ޖެހޭ ޖޫރިމަނާގެ ނުވަަތަ އެނޫންވެސް ފައިސާއެއް ކުއްޖާގެ ފަރާތުން ނުދެއްކުމުން އޭގެ ބަދަލެއްގެ
  • ގޮތުގައި ކުއްޖާ ބަންދު ކުރުމަށް އެއްވެސް ހާލެއްގައި އަމުރު ނުކުރުން
  • ކުއްޖާގެ އުމުރާ ނުގުޅޭ މަސައްކަތެއް ކުރުމަށް އަމުރު ނުކުރުން
  • އެންމެ ފަހު ފިޔަވަޅެއް ގޮތުން މެނުވީ ކުއްޖާ ހައްޔަރު ނުކުރުން
  • ކުއްޖަކު ހައްޔަރު ކުރެވުމާއެކު ލަސްނުކޮށް ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއި އެފަދަ މައްސަލަތައް އަވަސް މައްސަލައިގެ ގޮތުގައި ކޯޓުން ބެލުން
  • ކުއްޖާއާ ގުޅޭ ކަންކަމުގެ ކުއްޖާގެ މަސްލަހަތައް އިސްކަން ދިނުން

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަންވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެގޮތުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާޒިމް ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ ކުޑަކުދިންގެ ރެޒިޑެންޝިއަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރު - ކަރެކްޝަނަލް މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ދެވައްތަރެއްގެ މަރުކަޒެވެ. އޭގެތެރެއިން އެއްވައްތަރަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.

ލޯންގް ޓާމް ސެކިއޯ ފެސިލިޓީ - ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭނަމަ ބަހައްޓަން ޖެހޭނީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީ މަރުކަޒެއްގަ އެވެ.

އޭގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރަން ވާނެ ކަމަށް އެ ގާނނުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކުޑަކުދިންނަށް ހާއްސަ މަރުކަޒުތަކުގައި ބަހައްޓަން ވާނީ އެ މަރުކަޒުގައި ކުއްޖާ ބެހެއްޓުން އެއީ ފަހުފިޔަވަޅަށް ވާނަމަ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި ކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަށް ވާން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާއި ވަކިން ހަދާފައިވާ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާއި އެކަށޭނަ ތަނަކަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މަރުކަޒުތަކުގައި ކުދިންނާ މެދު އަމަލުކުރަން ޖެހޭ ގޮތާއި، ދޭން ޖެހޭނެ ފަރުވާ އާއި އެހެން ވެސް ގިނަ ތަފްސީލުތަކެއް ގާނޫނުގައި ހިމަނާފައިވެ އެވެ.

އަދުލުގެ ގާނޫނުގައި ބުނެފައިވާ ކުޑަކުދިންގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓާއި، ކުޑަކުދިންނަށް ހާއްސަ ސަރަހައްދީ ޖުވެނައިލް ކޯޓުތައް އަދި ކުޑަކުދިންގެ އިސްލާހީ މަރުކަޒުތައް އަޅަން ބޭނުންވާ ބަޖެޓް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ދައުލަތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް