ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާއިރު ޕްރޮމޯޝަން ހިންގުން މަނާކޮށްފި

ސްކޫލެއްގެ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ސްކޫލު ދަރިވަރުން ބޭނުން ކުރުމަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމުގެ ހުއްދަ ދީފައިވާ ބުކްޝޮޕްތަކުން ވައުޗަރަށް ތަކެތި ދޫކުރާއިރު ޕްރޮމޯޝަން ހިންގުމަކީ މަނާކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށާއި 2020 ވަނަ އަހަރުގެ ސްޓޭޝަނަރީ ވައުޗަރާއި ގުޅިގެން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް، 2019 ނޮވެންބަރު 15 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ހިންގުމަކީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމަށެވެ.

އެފަދަ ހަދިޔާއެއްލިބޭ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަންނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ކަމަށާއި ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރާނީ އެ ފުރުސަތުގައި ރެޖިސްޓްރީ ކުރި ފަރާތްތަކުން އެކަނި ކަމަށެވެ.

މިނިސްޓްރީ އިން ވަނީ ކްރެޑިޓަށް ތަކެތި ދޫކުރާނެ ބުކްޝޮޮޕްތަކުގެ ނަންތައް ވެސް އާންމުކޮށްފަ އެވެމާލެ އާއި ހުޅުމާލޭގެ ބުކްޝޮޕްތަކުގެ އިތުރުން ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ފުވައްމުލައް ސިޓީ އަދި ދ. ކުޑަހުވަދޫ، ބ. ތުޅާދޫ އަދި އދ. މާމިގިލީގެ ވިޔަފާރިތައް ހިމެނޭ ގޮތަށް ޖުމްލަ 48 ބުކްޝޮޕް އެ ލިސްޓްގައިވެ އެވެ.

މިއަހަރުގެ ދިރާސީ އަހަރު ނިމޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުއެވެ. އަހަރީ ޗުއްޓީގެ ގޮތުގައި ދޮޅު މަހުގެ ޗުއްޓީ އެއް ދަރިވަރުންނަށް ލިބޭއިރު އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ 12 ޖެނުއަރީގައެވެ.

comment ކޮމެންޓް