ރޮނާލްޑޯގެ 99 ވަނަ ގޯލާ އެކު ޕޯޗުގަލް ޔޫރޯއަށް

ޕޯޗުގަލްއާއި ލަގްޒެމްބާގް ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕޯޗުގަލް --- ފޮޓޯ// އޭޕީ

އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ރޭ ލަގްޒެމްބާގް އަތުން ހޯދި މޮޅާ އެކު އަންނަ އަހަރުގެ ޔޫރޯގެ ޖާގައެއް ކަށަވަރު ކުރި އިރު ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނަގެ 99 ވަނަ އިންޓަނޭޝަނަލް ގޯލު ހަމަކޮށް ރެކޯޑާއި ގާތަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު އެ މެޗުން ލަގްޒެމްބާގްގެ މައްޗަށް ޕޯޗުގަލް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ޕޯޗުގަލްއިން ގުރޫޕް ބީ ގެ ދެވަނައިގެ ގޮތުގައި އޮތީ ކުޅުނު އަށް މެޗުން ހޯދި 17 ޕޮއިންޓާ އެކު އެވެ. އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ޔުކްރޭން 20 ޕޮއިންޓާ އެކު އޮތް އިރު ތިން ވަނައިގައި އޮތީ އެންމެ ފަހުން ވޯލްޑް ކަޕުގައި ވެސް ވާދަ ކުރި ސާބިޔާ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ބޮޑު ނަތީޖާއެއް ނުނެރެވުނު ނަމަވެސް ޕޯޗުގަލުން އަންނަނީ އޭގެ ފަހުން ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުން ވަނީ މިއަހަރު އޮތް ޔޫއެފާ ނޭޝަންސް ކަޕު ވެސް ނެދަލެންޑްސް ބަލިކޮށް އުފުލާލައިފަ އެވެ. ޕޯޗުގަލް ރަނގަޅު ފޯމެއްގައި އޮވެ ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ އިރު އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ރެކޯޑް މުގުރާލުމާ ގާތަށް ޖެހެމުންނެވެ.

އެގޮތުން ރޭގެ މެޗުގައި ޖެހި ގޯލާ އެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 99 ލަނޑު ހަމަކޮށްދީފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އީރާން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ 109 ގޯލު ހަމަކޮށްގެންނެވެ.

ރޭގެ މެޗު ފެށިގެން ވެސް ޕޯޗުގަލް ދިޔައީ ދުނިޔޭގެ ރޭންކިންގްގެ 96 ވަނައިގައި އޮތް ލަގްޒެމްބާގްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެން ނަމަވެސް ލަގްޒެމްބާގް އިން ވަނީ ރޭގެ މެޗުގައި ޕޯޗުގަލް ފަދަ ވަރުގަދަ ޓީމެއް ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޕޯޗުގަލަށް މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ތެރޭގައި ޖަހައިދިނީ ބާނޭޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޫނޯ ފަނެންޑެސް އެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ގޯލު ރޮނގުމަތިން ގޯލުގެ ތެރެއަށް ވައްދާލީ ރޮނާލްޑޯ އެވެ.

ޔޫރޯ ކޮލިފިކޭޝަން ނިމުމަކާ ގާތަށް ޖެހިލާފައިވާ އިރު ގައިގަނޑަކަށް މުބާރާތުގައި ވާދަކުރާނެ ގިނަ ޓީމުތައް މިހާރު ވަނީ ޔަގީންވެފަ އެވެ. އެގޮތުން ގުރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި މިހާރުވެސް ކޮލިފައިވެފައިވާ އިނގިރޭސި ވިލާތުން ރޭ ވަނީ ކޮސޮވޯ އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ.

ކޮސޮވޯގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އިންގްލޭންޑް ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. އެ ޓީމަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ ހެރީ ވިންކްސްއާއި ހެރީ ކޭން އަދި މާކޮސް ރަޝްފޯޑްގެ އިތުރުން މޭސަން މައުންޓް އެވެ. އެ ގުރޫޕުން ޔޫރޯއަށް ކޮލިފައިވި ދެވަނަ ޓީމަކީ ޗެކް ރިޕަބްލިކް އެވެ.

މީގެ އިތުރުން އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ކޮލިފައިންގެ ފަހު މެޗުގައި ރޭ ވަނީ 0-2 ގެ ނަތީޖާ އަކުން އަލްބޭނިއާ ބަލިކޮށްފަ އެވެ. ގުރޫޕް ތާވަލުގެ އެއްވަނައިގެ ގޮތުގައި ފްރާންސް ޔޫރޯއަށް ދަތުރުކޮށްފައިވާ އިރު ރޭގެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ ކޮރެންޓިން ޓޮލީސޯއާއި ބާސެލޯނާއަށް ކުޅެމުން އަންނަ އެންޓޮއިން ގްރީޒްމަން އެވެ.

comment ކޮމެންޓް