އަފްރާޝީމްގެ މަރު ސިޔާސީކަމެއް ކަމަށް ރިޔާޒު ވިދާޅުވީ ހެކި ނެތި: ރިޕޯޓް

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު: ސިޔާސީ ކަމެކޭ އޭނާ ބުނީ ހެއްކެއް ނެތި ކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ --- ސަން ފައިލް ފޮޓޯ

އަނިޔާވެރިކޮށް މަރާލި ދިނީ އިލްމުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ކަމެއްގެ ކަމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އެކަށީގެންވާ ހެކި ނެތި ކަމަށް ގެއްލުވާލެވިފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުންގެ ރިޕޯޓުގައި ބުނެފި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.

އޭގެ ދެ މަސް ފަހުން 2012 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އަފްރާޝީމްގެ މަރުގެ ތަހުގީގަށް ފުލުހުން އެހާތަނަށް ހޯދި ހޯދުންތައް ހާމަ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ، އެ މަރަކީ، ސިޔާސީ ބަޔަކު އަޑީގައި ތިބެ، ސިޔާސީ ބަޔަކު ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އަދި އެހާތަނަށް ހޯދި ހޯދުންތަކުން އެކަމުގައި ދީނީ ކަމެއް ނުހިމެނޭ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި އަފްރާޝީމްގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އަދި ރިޔާޒު އެ ދުވަހު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހެއްކެއް ނެތި ދެއްކި ވާހަކަތަކެއް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

"މިހާތަނަށް މިކަން ބެލި ބެލުމުން، މިއީ ސިޔާސީ ބަަޔަކު އަޑީގައި ތިބެގެން ރަވައިގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއްކަމަށް އަޅުގަނޑުމެންގެ ތަހުގީގަށް ބެލެވޭ،" މީގެ ހަތް އަހަރު ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ވިދާޅުވި އެވެ.

ޑިސެމްބަރު، 4، 2012: އަފްރާޝީމްގެ މަރާ ގުޅޭގޮތުން ރިޔާޒު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ: އެއީ ސިޔާސީ ކަމެއް ކަމަށް އޭރު ވިދާޅުވި -- ފޮޓޯ/ ހަވީރު ވީޑިއޯ ސްކްރީން ޝޯޓެއް

ރިޔާޒު އޭރު ވިދާޅުވީ، އަފްރާޝިމް މަރާލި މީހުންނަށް ހަތަރު މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

"ދީނީ ގޮތުން ޑރ. އަފްރާޝީމްއާ ހިޔާލުތަފާތު ބައެއް ހިންގި އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް މި މައްސަލަ ތަހުގީގު ކުރުމުގައި އެފަދަ އެއްވެސް މައުލޫމަތެއް މިހާތަނަށް ބެލި ބެލުމުން ލިބިފައި ނެތް،" ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނުން ވަނީ ރިޔާޒާވެސް އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށްފައެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ރިޔާޒު އެގޮތަށް ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހ. ލޮބީ، ހުސައިން ހުމާމްގެ ބަޔާނުގައި ޑރ. އަފްރާޝީމް މަރާލުމަށްޓަކައި ހަރަދުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ކަމަށް ބުނެފައިވާތީ އެވެ. އަދި އެ ފައިސާ ހުމާމްއާ ހަވާލުކުރީ، ރީކޯ މޫސާގެ ދަނބިދަރި މ. ޖަރީމާގޭ އަބްދުﷲ ޖާބިދު (ޖާ) ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.

"[އަދި] އޮކްޓޯބަރު 1 2012 ވަނަ ދުވަހުގެ މެންދުރުފަހުން ތިން ފަހަރަކު ހުމާމް ޖާއަށް ގުޅައި އަދި އެއްފަހަރު މެސެޖްކޮށްފައިވާތީ ކަމަށް އަބްދުﷲ ރިޔާޒު ކޮމިޝަނަށް މައުލޫމަތު ދެއްވަމުން ވިދާޅުވެފައިވެ އެވެ،" ރިޔާޒު އެގޮތަށް ވިދާޅުވި ސަބަބު ހާމަ ކުރައްވައި ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނީ، ރިޔާޒު އެގޮތަށް ވިދާޅުވި ނަމަވެސް، ހުމާމް ތަހުގީގަށް ބަޔާން ދިން ފަހުން މި މައްސަލައިގައި ބަންދުކުރި ޖާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް އެކަމުގައި އެއްވެސް ހެއްކެއް ހުރި ނަމަ ހުށަހެޅުމަށް އެންގެވުމުން އެފަދަ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އެއްވެސް ހެއްކެއް ނެތުމުގެ ސަބަބުން ކޯޓުން ޖާ ވަނީ ދޫކޮށްލާފައި އެވެ. އެހެން ކަމުން ޑރ. އަފްރާޝީމް އަވަހާރަކޮށްލީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި، ސިޔާސީ ވިސްނުމެއްގައި ކަމަށް ބުނާބުނުމަށް ބާރު ލިބޭ އެއްވެސް ހެއްކެ ނެތެވެ،" ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ.

ސިޔާސީކަމެކޭ ވިދާޅުވީ، އެހާތަނަށް ލިބުނު މައުލޫމާތު: ރިޔާޒު

ރިޔާޒު: ސިޔާސީ ކަމެކޭ ވިދާޅުވީ އެދުވަހާ ހަމައަށް ލިބުނު މައުލޫމަތުތަކުން -- ފައިލް ފޮޓޯ/ މަޖިލިސް

އެވާހަކަތަކާ ގުޅިގެން ރިޔާޒު "ސަން" އަށް ވިދާޅުވީ، އޭނާ އެދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރީ އެ ދުވަހާ ހަމައަށް ތަހުގީގަށް ލިބިފައި ހުރި މައުލޫމަތުތައް ކަމަށެވެ.

"އެހާތަނަށް އައި އިރު ދިނީ އެއްވެސް ބައެއްގެ ވާހަކަ ނާދޭ. އައީ ސިޔާސީ ވާހަކަ،" ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ވަކިވި އިރު، ތަހުގީގަށް އެ މަރަކީ ދީނީކަމެއް ކަމަށް ފާހަގަ ކުރެވިފައިވޭތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ، އެފަދަ މައުލޫމާތެއް ހިއްސާ ނުކުރާނީ އެފަދަ މައުލޫމާތެއް ނުލިބޭތީ ކަމަށެވެ.

"ލިބިފައި ނުވާތީ ނޫންތޯ އެވާހަކަ ހިއްސާ ނުކުރާނީ. އަޅުގަނޑާ ހިސާބަށް ތަހުގީށް ލިބުނު އެންމެފަހުގެ އަޕްޑޭޓްސް އިންނާނީ އެދުވަހު [ނޫސްވެރިންގެ ބައްދަލުވުމުގައި] ހިއްސާ ކުރައްވާފައި،" ރިޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް